Last Updated: April 24, 19:12
Wednesday, April 24, 2024
ކުޅިވަރު

ފުޓްބޯޅަ ބަދަލުކޮށްލީ ޕެލޭ: ނޭމާ

ފުޓްބޯޅަ ބަދަލުކޮށްލި މީހަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭ ކަމަށް، ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ ބުނެފި އެވެ.

ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް އިއްޔެގެ ވަގުތެއްގައި ޕެލޭ ވަނީ މަރުވެފަ އެވެ. ޕެލޭ މަރުވިއިރު އުމުރަކީ 82 އަހަރެވެ.

ޕެލޭގެ މަރާއި ގުޅިގެން މުޅި ބްރެޒިލް ހިތާމައިގެ ތެރޭގައި އޮތްއިރު ނޭމާ ބުނީ ޕެލޭގެ ކުރިން ފުޓްބޯޅަ އޮތީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ކަމަށާއި ފުޓްބޯޅަ މުޅިން ބަދަލުކޮށްލި ފަރާތަކީ ޕެލޭ ކަމަށެވެ. އެގޮތުން ފުޓްބޯޅަ އަކީ މުނިފޫހިފިލުމުގެ އެއްޗެއްގެ ގޮތަށް ޕެލޭ ބަދަލުކޮށްލި ކަމަށާއި އަދި ފުޓްބޯޅައިގައި ބްރެޒިލްގެ ޝަރަފު މަތިކޮށްދިނީ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ދެކެމުން އަންނަ ޕެލޭ ކަމަށްވެސް ނޭމާ ބުންޏެވެ.

މީގެއިތުރުން ޕެލޭ ދުނިޔެ ދޫކޮށްފައިދިޔަ ނަމަވެސް އޭނާގެ ޖާދޫ ތާ އަބަދަށް ދެމި ހުންނާނެ ކަމަށްވެސް ނޭމާ ބުންޏެވެ.

ޕެލޭ މަރުވިއިރު މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން ހަޖަމްކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ. އަދި މިދިޔަ މަހުގެ 29 އިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޕެލޭ އަށް ދިޔައީ ފަރުވާ ދެމުންނެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.

ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.