Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދަރިވަރުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް

އެޗްޑީސީގެ ކޯ-ޝެއަރ ލިވިންގް މަޝްރޫޢު ބިންގާ އެޅުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

ދަރިވަރުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި މުޅިން އައު ކޮންސެޕްޓަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އިފުތިތާހުކޮށްފި އެވެ.

އެޗްޑީސީން ހުޅުމާލޭގައި ތަރައްގީކުރާ މި ފްލެޓްތަކަކީ އެކަނި ދިރިއުޅޭ މީހުންނާއި ދަރިވަރުންނާއި ވަޒީފާއަށް ދާ ފަރާތްތަކުން ކުއްޔަށް ކުރަން ޖެހޭ ޙަރަދު ކުޑަކުރުމުގެ މަޤްސަދުގައި އަޅާ ފްލެޓްތަކެކެވެ. މި މަޝްރޫޢުގެ ދަށުން "ކޯ ޝެއާ" ނުވަތަ އެހެން މީހުންނާ އެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފްލެޓްތަށް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ހޮންކޮންގް އަށް ނިސްބަތްވާ ރޯ-ޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.

އެހެން މީހަކާ ހިއްސާވެގެން ދިރިއުޅެވޭ ގޮތަށް ފަރުމާ އެޗްޑީސީން ފަރުމާކޮށްފައިވާ މިމަޝްރޫޢު ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުން ކުރެވޭނެ ބަދިގެއެއް ހިމެނޭނެ އެވެ. މީގެ އިތުރުން ވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި ބިލްޑިން އިން ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ކުއްޔަށް ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ.އަދި މި މަޝްރޫޢުގެ ތެރެއިން ދެ ވަނަ ފަންގިފިލައިން ފެށިގެން ނުވަ ވަނަ ފަންގިފިލަ އަށް ޓްވިން ޝެއަރިން އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހުޅުމާލޭގައި މިހާރު ވެސް މީހުން އާބާދުވެ ތަރައްގީވަމުން އަންނަ ސަރަޙައްދެއްގައި 16،934.07 އަކަފޫޓުގެ ބިމުގައި 14 ބުރި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

އެޗްޑީސީން މިފަދަ މަޝްރޫޢެއް ފަށަން ގަސްތުކުރީ އެ ކުންފުނިން ހެދި ދިރާސާއަކަށް ފަހު އެވެ. މި ދިރާސާގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5،000ރ، ހަމައެކަނި ކުލީގެ ގޮތުގައި ދައްކަ އެވެ. އަދި އެފަދަ މީހުންގެ ތެރއިން 56 ޕަސެންޓަށް ވުރަ ގިނަ މީހުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންވެ މި ފަދަ ވިސްނުމަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޑީސީން ބުންޏެވެ.