Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިޔާ ފްލެޓްތަކުގެ މޮބައިލް ކަވަރޭޖް ރަނގަޅު ކުރަނީ

ހިޔާ ސަރަހައްދުގައި މޯބައިލް ކަވަރޭޛް ރަނގަޅު ކުރުމަށް ދިރާގާއި އެކު އެއްބަސްވުމަކަށް / ފޮޓޯ: އެޗްޑީސީ

ހިޔާ ސަރަހައްދުގައި މޯބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ދެ ޓަވަރެއްގެ މަތީ ރޫފް-ޓޮޕް ސެލިއުލަރ ނެޓްވޯކް ޓަވަރުތަކެއް ހަރުކުރުމަށް ދިރާގާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ހިޔާ 2 އަދި 3 ޓަވަރުގެ މަތީގައި ސެލިއުލަ ޓަވަރު ދިރާގުން ތަރައްގީކޮށް އެއިން ޙިދުމަތް ފޯރުކޮށް ދޭނެ އެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އެޗްޑީސީން ބައްދަލުކުރުމަށް ފަހު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފުލެޓު ސަރަހައްދާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެ ނޫން ވެސް ސަރަހައްދުތަކުގައި މޮބައިލް ކަވަރޭޖް ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ކަންކަން އެޗްޑީސީން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ވެސް ހިޔާ ސަރަހައްދުގައި މުއާސަލާތީ ހިދުމަތްދޭ ހުރިހާ ފަރާތަކަށް ބޭނުން ކުރެވޭ ގޮތަށް މުއާސަލާތީ ހަތަރު ޓަވަރު ގާއިމުކޮށްފައި ކަމަށް އެޗްޑީސީން ބުންޏެވެ.

މި ޓަވަރުތައް މެދުވެރިކޮށް ދިރާގު އަދި އުރީދޫގެ މޮބައިލް ކަވަރޭޖް ހިދުމަތް މިހާރުވެސް އެ ސަރަހައްދުގައި ދަނީ ފޯރުކޮށް ދެމުންނެވެ.

މީގެ އިތުރުން އެޗްޑީސީ އަށް ދާދި ފަހުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރާކްޗަ ލައިސެންސް ދާދި ފަހުން ލިބިފައިވާ އިރު، ހުޅުމާލޭގައި އެކުންފުނިން ވަނީ އޯޕަން އެކްސް ނެޓްވޯކެއް ވެސް ޤާއިމްކޮށްފަ އެވެ. އެ ނެޓްވޯކަކީ މުވާސަލާތީ ޙިދުމަތް ދިނުމުގެ އަސާސެއް ކަމަށްވާ އިރު ހުޅުމާލޭގައި މި ޙިދުމަތް ފޯރުކޮށް ދިނުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށް އެޗްޑީސީން ބުންޏެވެ. މިއާއެކު މި ނެޓްވޯކްގެ ތެރެއިން މިހާރު ވެސް ދިރާގު، އުރީދޫ، މީޑިއާނެޓް އަދި ރާއްޖެ އޮންލައިންގެ ޙިދުމަތް ދެމުން އެކުންުފުނިތަކުން ދެމުން އަންނަކަން އެޗްޑީސީން ފާހަގަކުރެ އެވެ.

ހިޔާ ސަރަހައްދުގައި ދެވޭ ޙިދުމަތްތަށް އިތުރަށް ހަރުދަނާ ކުރުމަށް އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގާތުން އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ޓަވަރުތަކުގައި އުޅޭ ފަރާތްތަކަށް ހުރި ގޮންޖެހުންތަށް ހައްލުކޮށް އެ ސަރަހައްދު ތަރައްގީ ކުރުމާއި، ސަރަހައްދުގައި އުޅޭ ފަރާތްތަކުގެ ފަސޭހަ އަށް ވަސީލަތްތައް ގާއިމު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.