އަމިއްލަ އެދުމާ ހެދި ސަރުކާރު ވައްޓާލަން އުޅުމަކީ ގައްދާރުވުން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މިހާރުގެ އަމަލުތަކާއި ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އެތައް ހާސް ރައްޔިތުންގެ ވިންދާ ގުޅިފައިވާ ސަރުކާރެއް ކަމަށެވެ.
"އަމިއްލަ އެދުން އިސްކޮށް ސަރުކާރުން ވައްޓާލަން އުޅުމަކީ ރައްޔިތުންނަށް ގައްދާރުވުން." ރައީސް ވަރަށް ބޮޑަށް ތާއީދުކުރައްވާ މެންބަރު ވިދާޅުވި އެވެ.
Ethah haas Rayyithun ge vindhaai furaanha aai gulhifai vaa sarukaareh, Amilla edhun iskoh vattaalan ulhumakee e rayyithunnah gadhdhaaru vun!!!
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 29, 2022
ނިހާދު ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޓިކެޓް ހޯއްދަވައި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ވެރިކަމުގެ ދައުރެއް ހޯއްދަވާނެ އެވެ. ޕްރައިމަރީގައި ރައީސާ ވާދަކުުރައްވަނީ ނަޝީދެވެ.
ނަޝީދުގެ ކެމްޕޭން ޓީމުން އިއްޔެ ވަނީ އެމްޑީޕީގެ މެމްބަރުންގެ ދަފުތަރުގެ ސައްހަކަމާ މެދު އަނެއްކާ ވެސް ސުވާލު އުފައްދައި، ދަފަތުރުގެ މައްސަލަ ހައްލުކޮށްފައި ނޫނީ ޕްރައިމަރީ ނުބާއްވަން ގޮވާލައި އެކަން ފަސްކުރަން ޖެހޭ ކަމަށް ބުނެ އެވެ. ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ހިސާބުން ދަފުދަތު ގަޑުބަޑުކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެމްޑީޕީން ބުނެފައި ވަނީ ދަފުތަރު ސައްހަ ކަމަށެވެ. އަދި އަންނަ މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގައި ވޯޓްލެވޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ދަފުތަރުން ދައްކާ ގޮތުން ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓް ލެވޭނެ އެވެ.