Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެކްސްޕޯޓަރުންގެ އަޑު އަހައި ޓްރާންސްފާ ފީ ކުޑަކޮށްފި

އެކްސްޕޯޓް ކުރާ ފަރާތްތަކާއި އެކު އެމްޕީއެލްއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެމްޕީއެލް

އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފަކުރުމަށް ނަގާ އަގު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުޑަކޮށް ދިނުމަށް ނިންމައިފި އެވެ.

އެމްޕީއެލް އިން އަގު ކުޑަކޮށްދިނުމަށް ނިންމާފައި ވަނީ ރާއްޖެއިން ބޭރަށް މުދާ ފޮނުވާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި މުދާ ވިއްކުމަށް ފުރުސަތު ހޯދައި ދިނުމަށާއި، ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި ކުރިއަރުވައި އެކްސްޕޯޓް ކުރާ ފަރާތްތަކަށް އިތުރަށް ލުއި ފަސޭހަކޮށް ދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފަ ފީ ކުޑަކޮށްފައި ވަނީ މާލެ-ހުޅުމާލެ ޓާމިނަލް އަދި ހުޅުމާލެ ޓާމިނަލް-މާލެއަށެވެ.

އެމްޕީއެލް އިން ގެނައި މި ބަދަލު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ އައު އަހަރާއި އެކު އާދިއްތަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއި އެކު އެމްޕީއެލް އިން އެމްޕީއެލްގެ އެކްސްޕޯޓް ޓެރިފް ގާތްގަނޑަކަށް 75 ޕަސެންޓް ކުޑަ ވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޕީއެލްއިން އަގުތަކަށް ގެނައި ބަދަލަށް ބަލާއިރު، މިހާރު 20 ފޫޓުގެ ކޮންޓެއިނަރަކުން 4،419.03ރ. ނަގައެވެ. ނަމަވެސް ދެން މި ސައިޒުގެ ކޮންޓެއިނަރަކުން ނަގާނީ 1132.08ރ. އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން މިހާރު 8767.51ރ. ނަގާ އިރު ދެން ނަގާނީ 2،264.15ރ ކަމަށް އެމްޕީއެލްއިން ބުންޏެވެ. މިއީ ޖީއެސްޓީ ނުހިމަނައި ނަގާނެ އަގުތަކެވެ.

މި އަގުތަކަށް ނެނެވުނު ބަދަލުން ކުޑަ 2 ސައިޒުގެ ކޮންޓެއިނަރުން ކުޑަ ކުރެވުނު އަގުވެސް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން 20 ފޫޓުގެ ކޮންޓައިނަރަކުން ޖުމްލަ ޓްރާންސްފަރ އަގު 3،478.44ރ ކުޑަ ކުރެވެއެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ޖުމްލަ ޓްރާންސްފަ އަގުން 6،881.86ރ. ކުޑަ ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަށް އޮޅުން ފިލުވުމަށް އެ ކުންފުނިން އެކްސްޕޯޓް ކުރާ ފަރާތްތަކާއި ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ ޝާހިދު ވިދާޅުވީ، އަގުތަކަށް ބަދަލު ގެނައީ އެކްސްޕޯޓަރުން އަގުތަކާ މެދު މީގެ ކުރިން ވެސް ކަނބޮޑުވުން ފާޅުކޮށްފައިވާތީ އެވެ. އަދި އަމާޒަކީ އެކްސްޕޯޓަރުންނަށް މިހާރު ދިމާވެފައިވާ ދަތިތަށް ހައްލުކޮށް ދިނުން ކަމަށާއި މާލެ ކޮމާޝަލް ހާބަރަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާ އެކު ވެސް، އެކްސްޕޯޓަރުންގެ ގޮންޖެހުންތަށް ހައްލުކޮށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރާ ފަރާތްތަކުން ބަދަލާ މެދު ހިތްހަމަ ޖެހުން ފަޅުކޮށްފައިވެއެވެ. އަދި މިއީ ވިޔަފާރި ކުރިއެރުވުމަށް އެމްޕީއެލް އިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެ އެވެ.