މައްސަލަ ހޫނުވެފައި އޮތް ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ޕަތާން" ގެ ލަވަ "ބޭޝަރަމް ރަންގް" އަށް ބަދަލުތަކެއް ގެންނަން އިންޑިއާގެ ސެންސަރު ބޯޑުން އެދިއްޖެ އެވެ.
އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން އަންގާފައި ވަނީ ގައުމާއި ރައްޔިތުންގެ ހައިބަތާއި ހުރުމަތަށްޓަކަށް ލަވަ އަށް އިސްލާހުތަކެއް ގެންނާށެވެ. "ބޭޝަރަމް ރަންގް" ބޮޑު މައްސަލަގަނޑަކަށްވީ އެ ލަވައިގައި ދީޕިކާ ބޭނުންކޮށްފައިވާ ކޮސްޓިއުމްތަކުގެ ނިވާކަން ކުޑަވުމާއި ލަވައިގައި އެކުލެވޭ ބައެއް ސްޓެޕްތައް "ބަލަން ހެޔޮނުވާ ވަރަށް" ހުރުމުގެ އިތުރަށް އޭގައި ބޭނުންކޮށްފައިވާ ގަދަ އޮރެންޖް ކުލައިގެ ކޮސްޓިއުމެއްގައި ދީޕިކާ ދައްކާ އިރު، ޝާހްރުކާ އެކީ ވަރަށް ގައިގޯޅި މަންޒަރުތަކެއް ވެސް ހިމެނޭ ކަމަށް ބުނެ އެވެ.
"ބޭޝަރަމް ރަންގް" މައްސަލައަކަށް ހަދާ މީހުން ބުނެފައިވާ ގޮތުގައި ގަދަ އޮރެންޖް ކުލަ އަކީ އިންޑިއާގެ ގައުމީ ދިދައިގެ ވެސް ކުލައަކަށްވުމުން އެ ކުލަ އަށް ލަވައިގައި އިހުތިރާމް ކުޑަކޮށްފައިވެ އެވެ. އެހެންވެ މިފަދަ ކަންކަމާ ހެދި "ޕަތާން" ބޮއިކޮޓްކުރަން ގޮވާލައި އަދި އެ ފިލްމު އަޅުވާ ސިނަމާތަކުގައި ހުޅުޖަހާނެކަމުގެ އިންޒާރު ވެސް އިންޑިއާގެ ބައެއް ހިސާބުތަކުގެ މީހުން ދީފައިވެ އެވެ.
މިކަންކަމަށް ރިއާޔަތްކޮށް ސީބީއެފްސީން ވަނީ "ބޭޝަރަމް ރަންގް" ލަވަ އަށް ބަދަލުތަކެއް ގެނެސް، ގެންނަ ބަދަލުތަކާ އެކީ އަލުން އެ ލަވަ އެޕްރޫވްކުރުމަށް އެތަނަށް ހުށަހެޅުމަށް އަންގައިފަ އެވެ. އަދި އެންގުމަށް ފިލްމުގެ ޓީމުން އަމަލުކުރާނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ސީބީއެފްސީގެ ވެރިޔާ އަދި މަޝްހޫރު ޅެންވެރިޔާ ޕްރަސޫން ޖޯޝީ ވިދާޅުވި އެވެ.
"މި ބަދަލު ގެންނަން އެންގީ ވަށައިގެންވާ ހުރިހާ ކަންކަމަށް ރިއާޔަތްކޮށް މަސްލަހަތަށްޓަކައި. އަދި އަހަރެމެން ވާން ޖެހޭ ގައުމިއްޔަތަށް ވެސް ހުރުމަތްތެރިކޮށް، އިހުތިރާމުކުރާ ބަޔަކަށް ވާން." އޭނާ ބުންޏެވެ.
ނަމަވެސް ސީބީއެފްސީގެ އެންގުމާ ގުޅިގެން ވައިއާފްއެފުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެ ސްޓޫޑިއޯ އިން އަންނަނީ އަންނަ މަހުގެ 25 ގައި "ޕަތާން" ރިލީޒްކުރަން ތައްޔާރުވަމުންނެވެ. މިއީ ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.