ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫގައި ހިނގަމުން ދިޔަ ސިލްސިލާ ވައްކަންތައް ވަރަށް ބޮޑަށް މަދު ކުރެވިއްޖެ ކަމަށް އައްޑޫ ޕޮލިހުން ބުނެފި އެވެ.
މި އަހަރު ތެރޭގައި ފުލުހުންގެ މަސައްކަތާއި ކުރިއަށް އޮތް އަހަރަށް ފުލުހުން ކުރަމުންދާ މަސައްކަތަކާ ގުޅޭ ގޮތުން "އައްޑޫ ލައިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް (ޑީޑީ) ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ފުލުހުންގެ މަސައްކަތުން ވައްކަންތައް މަދު ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނަ ވައްކަން އައްޑޫން ރިޕޯޓުކޮށްފައި ވަނީ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެގޮތުން އައްޑޫގެ ތިން ޕޮލިސް ސްޓޭޝަނަށް އެ މަހުގެތެރޭގައި 31 މައްސަލަ ހުށަހެޅިފައިވެ އެވެ. ދެން އެންމެ ގިނަ މައްސަލަ ހުށަހެޅިފައި ވަނީ ސެޕްޓެމްބަރު މަހު އެވެ. އެ މަހު 29 މައްސަލައެއް ހުށަހެޅި އެވެ.
މީގެ އިތުރުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 10 މައްސަލަ އަށް ވުރެ އިތުރު ނުވާ އިރު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ އެވްރޭޖްކޮށް އުޅެނީ 11 މައްސަލަ އެވެ. ނަމަވެސް އޮކްޓޯބަރު މަހު ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ 14 މައްސަލައެކެވެ. އަދި ނޮވެމްބަރު މަހު ރިޕޯޓުކޮށްފައި ވަނީ 15 މައްސަލައެވެ.
ޑީޑީ ވިދާޅުވީ، ފުލުހުން ވައްކަންތައް މަދު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވައްކަން މަދު ކުރުމަށް ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ކިޔައި ދެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"މިކަމުގެ ސަބަބުން ސެޕްޓެމްބަރާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ނިޔަލަށް އަދި ހާއްސަކޮށް މިދާ ޑިސެމްބަރު މަހު ވެސް، އައްޑޫގެ ހުރިހާ ރަށަކުން ވައްކަން މި ވަނީ ވަރަށް ބޮޑަށް މަދު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ. "އުންމީދަކީ މި އަމާންކަން މަތީ އައްޑޫ ރަށްތައް ބޭއްވޭނެ ކަމަށް."
އައްޑޫގައި ވައްކަން މަދު ކުރެވިފައިވާ އިރު، މިއީ ޗުއްޓީ ދުވަސްވަރުކަމުން ރަށުން ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ފުރައިގެން ދާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ގޭގައި އެއްވެސް އިތުރު ފަރާތެއް ނެތި ރަށުން ބޭރަށް ދާ ނަމަ، ފުލުހުންގެ ނެއިބަހުޑު އޮފިސަރުންނަށް ނުވަތަ އެ ރަށެއް ނިސްބަތްވާ ފުލުސް ސްޓޭޝަނަކަށް އަންގައި ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. އެގޮތަށް ފުލުހުންނަށް އެންގުމުން އެ ސަރަހައްދެއް ޕެޓްރޯލް ކުރުމުގައި އިތުރަށް ސަމާލުކަން ދޭނެ ކަމަށް ފުލުހުން ވިދާޅުވެ އެވެ.
އާ އަހަރާ ދިމާކޮށް ފުލުހުންގެ މަސައްކަތް އިތުރު ކޮށްފައިވާ އިރު، މިހާރު ރަށު ތެރޭގައި ޕެޓްރޯލް ކުރާ މިންވަރު އިތުރުކޮށް އާ އަހަރު ފާހަގަ ކުރާ ދުވަހުގެ ރޭ ވެސް ރައްޔިތުންނަށް އަމާންކަމާ އެކީ ކަންކަމުގައި ޝާމިލުވެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.