ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ގެނެސްދޭން ޕްލޭންކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ހިނދުކޮޅެއް" ގެ ލަވައެއް އަންނަ މަހުގެ 2 ގައި ބެލުންތެރިންނަށް ދޫކޮށްލާ ގޮތަށް ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އެ ސްޓޫޑިއޯ އިން ވަނީ "މި ހިތުގެ ރާނީ" ގެ ނަން ދީފައިވާ ލަވައިގެ ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ. މި ލަވަ އަކީ ދަ ކްލިއޯ ބޭންޑުން މިއުޒިކް ހަދާފައިވާ ލަވައެކެވެ.
މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމާފައި އޮތް "ހިނދުކޮޅެއް" ގެ ލަވައެއް ކުރިން ވެސް އާންމުކުރި އެވެ. އެއީ ކުރީގެ މަޝްހޫރު ލަވަކިޔުންޔެރިޔާ އަލީ ރަމީޒް ކިޔާފައިވާ "ލޮލަކަށް ނިންޖެއް ނާދޭ" ގެ އާ ވާޝަނެކެވެ. ނަމަވެސް އެ ލަވަ "ހިނދުކޮޅެއް" ގައި ހިމަނަން ނިންމައި، ލަވައިގެ ވީޑިއޯ ހަދައި ނެރުނީ ހުއްދަ ނުހޯދައި ކަމަށް ބުނެ އަލީ ރަމީޒް ފާޑު ކިޔުމުން ޑާކް ރެއިނުން ވަނީ ލަވަ ފިލްމުގައި ނުހިމަނާ ގޮތަށް ނިންމައި، އާންމުކުރި ލަވަ އެ ގެނެސްދިން ހުރިހާ ޕްލެޓްފޯމަކުން ނަގައިފަ އެވެ.
"ހިނދުކޮޅެއް" އަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލެއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވ ލޯބީގެ ފިލްމެކެވެ. މީގެ ލީޑް ކާސްޓުންނަކީ އަރަމުން އަންނަ ދެ ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފު އަބްދުﷲ އެވެ. އަދި ފިލްމު ކާސްޓުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ޑާކް ރެއިންގެ އާންމު ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާއި ރަވީ ފާރޫގާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ.
ޑާކް ރެއިނުން އަންނަ އަހަރު އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމަކީ ފެބްރުއަރީ މަހުގެ 6 އަށް ތާވަލުކޮށްފައި އޮތް "ބީވީމާ" އެވެ. މީގެ ރޯލަކުން ވެސް އާޝާ ފެންނާނެ އެވެ.
ސިނަމާ އަށް ގެންނާނެ އިރެއް އަދި އިއުލާން ނުކުރާ "ހިނދުކޮޅެއް" ގެ މޯޝަން ޕޯސްޓަރެއް ޑާކް ރެއިނުން ކުރިން ދައްކާލާފައިވެ އެވެ.