Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ކާމިޔާބު ވާނީ ރައީސް ސޯލިހާ އެކީ: ޑރ. ޑީޑީ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކީގައި ކަމަށްވާތީ އެ މަގަށް އެ ޕާޓީގެ މެމްބަރުން މަސައްކަތްކުރަން ޖެހޭ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމްދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

މި ފަހުން އެއްގޮތަކަށް ވެސް ސިޔާސީ ހަރަކާތްތަކުން ވަރަށް ނުފެންނަ ޑީޑޭ، ރޭ ރައީސް ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާގައި ވިދާޅުވީ އެމްޑީޕީގެ އަސްލު ރޫޙު ދެމެހެއްޓޭނެ ވިސްނުމާއި ހިކުމަތްތެރި ހަމައެކަނި ލީޑަރަކީ ރައީސްް ސޯލިހު ކަމަށެވެ.

އޭނާ ވިދާޅުވީ ވިދާޅުވީ 2013 ވަަނަ އަހަރު ހުރިހާ ނުފޫޒަކާއި ބާރެއް ބޭނުންކުރައްވައި ގައުމީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވި ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ މިއަދު އޮތީ އިސްލީޑަރު ރައީސް ސޯލިހަށް ކަމަށާއި ޕްރައިމައަކާ ނުލައި ރައީސް ސޯލިހަށް ޓިކެޓް ހޯއްދެވުމުގެ ފުރުސަތު އޮތްއިރު އެ މަނިކުފާނު އެކަން ކުރަށްވަން ބޭނުންފުޅުވެވަޑައިނުގެންނެވި ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

"އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ކޮންގުރެސްގެ ފުރިހަމަ މެޖޯރިޓީ އޮތީ ރައީސް ސޯލިހަށް، ކޮންގުރެސްމަނުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ރައީސް އަރިހު ދެންނެވި ޕާޓީގެ ޓިކެޓްގައި ރައީސް ކަމުގެ ހުންނަވާ ބޭފުޅަކަށް އެހެން ގައުމުތަކުގައި އޮންނަ އުސޫލުން ޕްރައިމަރީއަކާއި ނުލައި ޓިކެޓް އަރުވަން ތިމަންނަމެން ބޭނުމޭ،" އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް ރައީސް ސޯލިހް އިސްކުރެއްވީ ޕާޓީގެ އަސާސީ ގަވާއިދު. އެހެންވީމަ އަޅުގަނޑުމެންނަށް އެބައެނގޭ ޕާޓީގެ އަސާސީ ގަވާއިދު ނަގަހައްޓައި ދެމެހެއްޓުމުގެ ހިތްވަރާއި ގާބިލްކަމާއި އިހުލާސްތެރިކަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ސޯލިހު."

ޑީޑީ ވިދާޅުވީ ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުޑަ އަގެއްގައި ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސަވައި އާރުޓީއެލް ފެރީގެ ނިޒާމުން ރަައީސް ސޯލިހް މުޅި ރާއްޖެ ގުޅާލެއްވީ ރަށްޓެހިންނަށް ފަޅުރަށްތައް ބައްސަވައިގެން ނޫން ކަމަށެވެ. އަދި މުޅި ދުނިޔެ އަށް އައިސްފައި އޮތް އިގުތިސާދީ ހީނަރުކަމުގެ ތެރެއިން ސިވިލް ސާވިސް އާއި ސިޔާސީ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންގެ މުސާރައިން ލޯ ލާރިއެއް ވެސް ސަރުކާރުން އުނިކޮށްފައި ނުވާ ކަމަށެ ވިދާޅުވި އެވެ.

މީގެ އިތުރުން އިގްތިސާދީ ހީނަރުކަމާ އެކުވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަނީ ރައީސް ސޯލިހްގެ ހިކުމަތު އަމަލީގެ ކުޅަނދާނަކަމުން ކަމަށް ޑީޑީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ވާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ބްރިޖެއް ވެސް ނޭޅުނެވެ. ނޭނަަމަވެސް ރައީސް ސޯލިހްގެ ޒައާމަތުގައި ތިލަމާލެ ބިޔަ ބޮޑު ބްރިޖްގެ މަސައްކަތް "ހަބޭހަށް" ކުރިއަށް ކަމަށް ވިދާޅުވިއެވެ.

އޭނަ ފާހަގަކުރެއްވި ގޮތުގައިކޯލިޝަން ސަރުކާރެއް ދެެމެހެއްޓުމުގެ ރިކޯޑް ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ރައީސަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފި ނަމަ އެހެން ޕާޓީތަކުގެ ތާއިދު ވެސް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތާރިޚަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ ދެހާސް އަށާރަ ވަނަ އަހަރު ރައީސް ސޯލިހް ކޯލިޝަން ކެންޑިޑޭޓަކަށް ހުންނަވައިގެން ހޯއްދެވި ކާމިޔާބީ އަކީ މި ރާއްޖޭގެ ސިޔާސީ ތާރިޚުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓް. އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ޖަލުގަޔާއި ރާއްޖެއިން ބޭރުގައި ބަންދުގަޔާއި އެކިގޮތްގޮތަށް ތާށިވެފައި ތިބީ،" ޑީޑީ ވިދާޅުވި އެވެ. "އޭރު މަޝްވަރާކުރެވުނު ޖޭޕީގެ ލީޑަރު ގާސިމާ، ޖޭޕީގެ ލީޑަރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު ތިބޭފުޅުން ނެރުއްވައިފި ކަމަށް ވައްޏާ ތިމަންނަ ކޯލިޝަނަކަށް ތާއިދެއްް ނުކުރާނަމޭ. އެހެންވީމަ އަޅުގަނޑަށް އެބަ ގަބޫލުކުރެވޭ އަންނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ކަށަވަރުވެއްޖެ ކަމަށް ވައްޏާ ރާއްޖޭގައި ތިބި އިދިކޮޅު ސިޔާސީޕާޓީ ތަކުގެ ލޯތްބާއި އިހުތިރާމް ލިބޭނެ ހަމައެކަނި ކެންޑިޑޭޓަކީ ވެސް ރައީސް ސޯލިހްކަން."