ކުރީގެ ތިން ވަނަ ކައިވެނި ރޫޅުނު ނަމަވެސް އަދިވެސް ކައިވެންޏަކަށް ތައްޔާރު ކަމަށް އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި، ކިމް ކާޑޭޝިއަން ބުނެފި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ރެޕާ އަދި ހަތަރު ދަރިންގެ ބައްޕަ ކަންޔޭ ވެސްޓް ގާތުން ވަރިވި ކިމް، ހޮލީވުޑްގެ ބަތަލާ ވިނިތު ޕަލްޓްރޯގެ "ގޫޕް" ޕޮޑްކާސްޓްގައި ބުނީ ހަތަރު ވަނަ ކައިވެންޏަކާ ދޭތެރޭ ވިސްނި ނަމަވެސް މި ވަގުތު އަދި ބޭނުން ވަނީ ދުވަސްކޮޅެއް ވަންދެން ހުސްކޮށް ހުންނަން ކަމަށެވެ.
އޭނަ ބުނި ގޮތުގައި އަމިއްލަ ދިރުއުޅުމުގެ ކަންކަން މިހާރު މެނޭޖްކުރަން ޖެހިފައިވާ ގޮތަށް ބަލާ އިރު "ސޯލޯ" ރޯލެއް އަދާކުރުމަކީ ގަޔާވާ ކަމެކެވެ. އެހެންވެ އެ ގޮތުގައި އަދި ދުވަސްތަކެއް ވަންދެން ހޭދަކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
"ހުސްހަށިބަޔަށް ހުރީ އަހަރެންގެ އެކަންޏެއް ނޫން. އަހަރެންގެ އާއިލާގެ ވެސް އަދި ގާތް ރައްޓެހިންގެ ތެރޭގައި ވެސް ސިންގަލް މީހުން އެބަތިބި. އެ މީހުންގެ ލައިފް ހަމަ ވަރަށް ހަމަޖެހޭ. އެހެންވެ އަހަރެން ވެސް ބޭނުން ވަނީ ދުވަސްކޮޅެއް ވަންދެން ހުސްކޮށް ހުންނަން،" ކިމް ބުންޏެވެ. "އެކަމަކު ހަޔާތަށް ހަމަ ވަރަށް ސީރިއަސް ބައިވެރިޔަކު ބޭނުން. އެފަދަ މީހަކަށް އިންތިޒާރު ވެސް ކުރަން."
އޭނަ ބުނި ގޮތުގައި ކުރީގެ ތިން ކައިވެނި ނާކާމިޔާބުމަކީ ބޭނުންވި ގޮތެއް ނޫނެވެ. އަދި ފުރަތަމަ ކައިވެނި ރޫޅުމަކީ އެންމެ ބޮޑު ހިތްދަތިކަން ކަމަށް ބުންޏެވެ.
"ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ފުރަތަމަ ކައިވެނި ވަރަށް ހާއްސަވާނެ. އެކަމަކު އުންމީދުކުރި ގޮތަކަށް ނޫން އެކަން ކުރިއަށް ދިޔައީ. އަހަންނަކަށް އޭރަކު ވާނުނާއެއް ވެސް ނޭނގޭ،" މަޝްހޫރު ކާޑޭޝިއަން/ޖެނާ އާއިލާ އަށް ނިސްބަތްވާ ކިމް ބުންޏެވެ. "އޭގެ ފަހުން ދެވަނަ ކައިވެންޏެއް ވެސް ކުރެވުނީ. އޭރު ކައިވެނި ކުރީ ވެސް އެކަން ކުރަން ވަރަށް ބޭނުންވެގެން. ނަމަވެސް އެ ކައިވެނި ވެސް ރޫޅުނީ. އެއީ ހަގީގަތުގައި ވެސް ބޭނުންވި ގޮތެއް ނޫން."
ކިމް، 42، އާއި ކަންޔޭ، 45، ކައިވެނިކުރީ 2014 ގަ އެވެ. އަދި ކައިވެނި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރޫޅައިލަން ކޯޓް ހުށަހެޅުމުން، އެ ގުޅުން ރަސްމީކޮށް ނިމުމަކަށް އައީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ކިމް އެންމެ ފުރަތަމަ ކައިވެނި ކުރީ ޑޭމަން ތޯމަސްއާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި ރޫޅުނީ 2004ގަ އެވެ. އޭގެ ފަހުން އޭނަ 2011 ގައި ކައިވެނިކުރީ ކުރީގެ ބާސްކެޓް ތަރި ކްރިސް ހަމްފްރީސްއާ އެވެ. އެ ކައިވެނި ރޫޅުނީ 2013 ގަ އެވެ.
ކަންޔޭއާ ވަކިވި ފަހުން ކިމް އޭނަ އަށް 13 އަހަރު ހަގު ކޮމީޑިއަން/އެކްޓަރު ޕީޑް ޑޭވިޑްސަނާ ހައެއްކަ މަސް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވި އެވެ.