Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ކޮމެޑީ ފިލްމެއް ވަރަށް ބޭނުން: ޖާންވީ

އާ އަހަރަކާ ކުރިމަތިލާ އިރު އެންމެ ބޮޑަށް އުންމީދު ކުރެވެނީ ކޮމެޑީ ފިލްމަކަށް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.

ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ދަރިފުޅު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮމެޑީ ފިލްމެއްގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ. އަދި އެފަދަ ފިލްމެއް ވާން ޖެހެނީ ނަށާލަން ވަރަށް ބޮޑަށް ފުރުސަތު ލިބޭ ކަހަލަ އެއްޗަކަށް ކަމަށް ވެސް ބުންޏެވެ.

"އެންމެ ބޭނުން ވަނީ ކޮމެޑީއެއް ވަރަށް ގިނަ ޑާންސް ހިމެނޭ ގޮތަށް. ދެން ޕީރިއަޑް ފިލްމަކަށް ކުރެވޭ އުންމީދު ވެސް ބޮޑު،" މީގެ ހަތަރު އަހަރު ކުރިން ބޮލީވުޑަށް ނުކުތް ޖާންވީ، 25، ބުންޏެވެ. އޭނަގެ ފުރަތަަމަ ފިލްމަކީ 2018 ގެ "ދަޅަކް" އެވެ. އަދި މި އަހަރު ޖާންވީގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "މިލީ" އާއި "ގުޑް ލަކް" ޖެރީ" އެވެ.

އެކްޓަރު އަރުޖުން ކަޕޫރްގެ އެއްބަފާ ކޮއްކޮ މިހާތަނަށް ހަ ފިލްމަކުން ފެނިފައިވާ އިރު، އެ ހުރިހާ ފިލްމުތަކަކީ ވެސް ތަންކޮޅެއް ސީރިއަސް ފިލްމުތަކެވެ. އެހެންވެ ޖާންވީ ބުނީ "ލައިޓްހާޓެޑް" ކޮމެޑީއެއްގެ އިންތިޒާރުގައި ހުރި ކަމަށެވެ.

ކުރިއަރަމުން އަންނަ އުންމީދީ ބަތަލާ އަންނަ އަހަރުގެ ދެ ފިލްމަކުން ފެންނާނެ އެވެ. އެއީ ވަރުން ދަވަނާ އެކީ "ބަވާލް" އިންނާއި ރާޖްކުމާރު ރާއޯއާ އެކީ "މިސްޓް އެންޑް މިސިޒް މާހީ" އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހު ޝޫޓިން ފަށާ، ޑައިރެކްޓަރު އަލީ އައްބާސް ޒަފަހަރުގެ އެކްޝަން ކޮމެޑީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ބަތަލާ އަކީ ވެސް ޖާންވީ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ. އަންނަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަަޖެހިފައިވާ ފިލްމުގެ ބަތަލުންނަކީ ޓައިގާ ޝްރޮފާއި އަކްޝޭ ކުމާރެވެ.