Last Updated: March 28, 17:47
Thursday, March 28, 2024
ކުޅިވަރު

ރޮނާލްޑޯ ސައުދީގެ ކްލަބަކަށް ސޮއިކޮށްފި

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ސޮއިކޮށްފި އެވެ.

ރޮނާލްޑޯ ،37، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކްލަބުން އޭނާ އަށް ސީޒަނެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 200 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ.

އަލް ނަސްރަށް ބަދަލުވުމަށްފަހު ރޮނާލްޑޯ ބުނީ ޔޫރަޕްގެ ފުޓްބޯޅައިގައި ހުރިހާ ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށާއި މިއީ އޭޝިއާގެ ފުޓްބޯޅަ ތަޖުރިބާކޮށްލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަލް ނަސްރާ ގުޅުނީ އެހެން ގައުމެއްގެ ލީގު ތަޖުރިބާ ކޮށްލުމުގެ ބޭނުމުގެ އިތުރުން އަލް ނަސްރުން ކުރިއަށް ދިއުމަށް ފަށާފައިވާ ޕްރޮޖެކްޓަށް އެހީތެރިވުމުގެ ގޮތުން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ސައުދީގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރު އެންމެ ފަހުން ތަށި އުފުލާލީ 2019 ވަނަ އަހަރު އެވެ.

މިއީ ޔޫރަޕް ނޫން ގައުމެއްގެ ކްލަބަކަށް ރޮނާލްޑޯ ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ކުރިން ޔޫރަޕްގެ ހަަތަރު ގައުމުގައި ކުޅެފަ އެވެ. އެއީ ޕޯޗުގަލް، އިންގްލެންޑް، ސްޕެއިން އަދި އިޓަލީގަ އެވެ.

ރޮނާލްޑޯ އެންމެފަހުން ކުޅުނީ މެންޗެސްޓާ ޔުނައިޓެޑަށް ކަމަށްވާއިރު އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ ވަނީ މިދިޔަ މަހު އުވާލާފަ އެވެ.