Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ޑިޖިޓަލް ފޮތެއް ނެރެފި

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މި އަހަރު 50 އަހަރު ފުރުމާ ގުޅިގެން "ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ގެ ނަމުގައި ޑިޖިޓަލް ފޮތެއް ޓޫރިޒަމް މިނިސްޓްރީން އިފުތިތާހުކޮށްފި އެވެ.

އެ ފޮތް އިފުތިތާހުކޮށް ދެއްވީ މައިޒާން އުމަރު މަނިކެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ފޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ހިތޯބެއް ވެސް ހިމެނެ އެވެ.

އެ ފޮތުގައި ރާއްޖޭގައި 1972 ގައި ޓޫރިޒަމް ތައާރަވުމާއި އަދި އޭގެ މުހިންމު ބައިވެރިންނާއި އެ ދާއިރާ ތަރައްގީވެ ކުރިއަރަމުން އައި ގޮތާއި ސަރުކާރުގެ ދައުރާއި ރާއްޖޭގެ އިގުތިސާދުގައި ޓޫރިޒަމް ދާއިރާގެ ދައުރު ހިއްސާކޮށްފައިވެ އެވެ. އަދި އެ ދާއިރާ އަށް ފާއިތުވި ބައި ގަރުނުގެ ތެރޭގައި އައި އިންގިލާބީ ބަދަލުތަކާއި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ބިޔަ ބޮޑެތި މަޝްރޫއުތަކާއި އެ ދާއިރާ ދެމެހެއްޓުމަށް ކުރިއަށް އޮތް ޖީލުތަކުގެ ޒިންމާ ފަދަ ބައިތައް ވެސް ފޮތުގައި ހިމަނާފައިވެއެވެ.

ރާއްޖެ އަކީ މިހާރު މުޅި ދުނިޔެ އަށް ބަލާ އިރު ވެސް، ޓޫރިޒަމްގައި އެންމެ ނަގާކިޔާ، އެންމެ މަޝްހޫރު އެއް މަންޒިލެވެ. އަދި މިއީ މިހާރު ރާއްޖޭގެ އިގުތިސާދުގެ މައި ނާރެވެ.

ރާއްޖޭން މިހާތަނަށް ޓޫރިޒަމް ދާއިރާ އިން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ އިރު، މި އަހަރު 1.6 މިލިއަން ޓޫރިސްޓުން ގެންނަން ހިފި އަމާޒު ވެސް މި މަހުގެ 20 ގައި ވަނީ ހާސިލުވެފަ އެވެ. އަދި މާދަމާ ފެށޭ އާ އަހަރާ އެކީ ސަރުކާރުގެ އަމާޒަކީ އަހަރު ނިމޭ އިރު މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.