އަނިޔާ އިން ރަނގަޅުވުމަށް ފަހު ކަރީމް ބެންޒެމާ ކުޅުމަށް އެނބުރި އައި މެޗުގައި ދެ ގޯލު ޖަހައިގެން ރެއާލް ވަޔަޑޮލިޑް އަތުން 2-0 އިން ރެއާލް މެޑްރިޑް މޮޅުކޮށްދީފި އެވެ.
އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ބެންޒެމާ އަށް ގެއްލުނުއިރު ރޭގެ މެޗަކީ އަނިޔާ އިން ރަނގަޅުވުމަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ މެޗުގައި ބެންޒެމާ ރެއާލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 83 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ރެއާލަށް ލިބުނީ ރެއާލް ވަޔަޑޮލިޑް ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.
އޭގެ ހަ މިނެޓްފަހުން ރެއާލްގެ ދެވަނަ ގޯލު ބެންޒެމާ ކާމިޔާބުކޮށްދިނީ އެޑުއާޑޯ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މި މެޗުން މޮޅުވުމުން 15 މެޗުން ލިބުނު 38 ޕޮއިންޓާ އެކު ރެއާލް މިހާރު އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން 37 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ލީގުގައި މިރޭ ބާސާ ނިކުންނާނީ އެސްޕަނިޔޯލްއާ ދެކޮޅަށެވެ.