އައްޑޫގައި އެމްޓީސީސީން ބަސް ސްޓޮޕްތަކެއް އިންސްޓޯލްކޮށް ބޭނުން ކުރަން ފަށައިފަ އެވެ.
ބަހުގައި ދަތުރުކުރާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން އިންސްޓޯލްކުރަން ފެށި ބަސް ސްޓޮޕްތަކުގެ ތެރެއިން އެންމެ ފުރަތަމަ އެ އިންސްޓޯލްކުރީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރީގަ އެވެ. މި ސްޓޮޕްތައް ހުންނަނީ ހިޔާކޮށް، ބެންޗް ބަހައްޓައި އިށީނދެވޭ ގޮތަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި އައްޑޫގައި މިފަދަ 21 ބަސް ސްޓޮޮޕް ބަހައްޓާނެ އެވެ. އަދި އެ މަސައްކަތް އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް މިހާރު ކުރިއަށްދާ ކަމަށް ބުންޏެވެ.
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ދެމުން އަންނަ ބަހުގެ ހިދުމަތް ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީގައި ފެށީ ޖުލައި މަހުގެ 31 ގަ އެވެ. އަދި އައްޑު އަކީ މި ހިދުމަތް ފެށި ސަރަހައްދުގެ ތެރެއިން އެއް ތަނެވެ.
އެމްޓީސީސީން ބުނި ގޮތުގައި އައްޑޫގެ އިތުރުން ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް މިހާރު އަންނަނީ ބަސް ސްޓޮޕްތައް އިންޓޯލްކުރުމުގެ މަސައްކަތްކުރަމުންނެވެ.