Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މިރޭގެ ޝޯ އަށް ޕަވްނީ ރާއްޖެ އަތުވެއްޖެ

އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯގައި ޕަފޯމްކުރަން އިންޑިއާގެ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭ ރާއްޖެ އަތުވެއްޖެ އެވެ.

އޭނަ އިއްޔެ ހަވީރު ރާއްޖެ އައުމުން މަރުހަބާކީ ޝޯ އިންތިޒާމުކުރާ ޔޫތު މިނިސްޓްރީގެ ފަރާތުންނެވެ. މިއީ ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަކިޔާ 30 އަހަރުގެ ޕަވްނީ ރާއްޖޭގައި ޕަފޯމްކުރާ ފުރަތަމަ ފަހަރެވެ. އޭނަ ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ލަވަ އަކީ ޝާހްރުކް ޚާންގެ 2016 ގެ ފިލްމު "ރައީސް" ގައި ހިމެނޭ "ލައިލާ މެ ލައިލާ" އެވެ.

މި އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި ފިލްމު "ލައިގާ" ގައި ވެސް ޕަވްނީ ކިޔާފައިވާ ލަވައެއް ހިމެނެ އެވެ.

އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި "މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ބާއްވާ ޝޯގައި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ބޭންޑް، ހަބޭސް އާއި އޭގެ ދަށުން ހިންގާ ލެވިޓޭޝަނާއި ފިއުޝަން ވެސް ޕަފޯމްކުރާނެ އެވެ. އަދި މި ޝޯގެ ތެރެއިން ހަވާ ވެސް އަރުވާނެ އެވެ.