Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

މުޒާހަރާ ކުރިޔަސް ޔާމީން މިނިވަނެއް ނުވާނެ

މަގުމައްޗަށް ނުކުމެ ކިތަންމެ ގަދައަށް މުޒާހަރާ ކުރިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ މެދު މަތީ ކޯޓަކުން ގޮތެއް ނުނިންމާހާ ހިނދަކު އެ މަނިކުފާނު މިނިވަނެއް ނުވާނެ ކަމަށް ވިދާޅުވެ ޑރ. މުހައްމަދު އިޔާޒް އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އިއްޔެ ހަވީރު މުޅި ރާއްޖޭގައި ބޭއްވި "ސަބަބުވެރި ހިނގާލުން" އަށް އިޝާރާތްކުރައްވައި މަޝްހޫރު ދީނީ އިލްމުވެރިޔާ ކުރެއްވި ޓްވީޓެއްގައި ވަނީ މިފަދަ މުޒާހަރާތަކުގެ ބޭނުމަކީ އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ރިޔާސީ ޓިކެޓް ހޯދުމަށް ހަދާ މަކަރެއް ނޫންތޯ ވެސް އައްސަވައިފަ އެވެ.

"މުޒާހަރާގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން ގާތު އަހާލަން ބޭނުން ހަގީގަތުގައި ވެސް ރައީސް ޔާމީން މިނިވަންކުރަން ކުރައްވާ ކަމެއްތޯ؟ ނޫން ނަމަ ރިޔާސީ ޓިކެޓު ހޯދުމަށް ޖަހާ މަކަރެއްތޯ،" އަދާލަތު ޕާޓީ އަށް ނިސްބަތްވާ އިޔާޒް ވިދާޅުވި އެވެ. "ކިތަންމެ ގަދަޔަށް މުޒާހަރާ ކުރިޔަސް މަތީ ކޯޓަކުން ނުނިންމާހާ ހިނދަކު ރައީސް ޔާމީން މިނިވަނެއް ނުވާނެ."

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭގެ ފަހުން އިދިކޮޅު ކޯލިޝަނުން ދަނީ އެއީ "ހަރާން ހުކުމެއް" ކަމަށް ބުނެ މުޒާހަރާކުރަމުންނެވެ. އިއްޔެ މުޒާހަރާގައި ދެ ޕާޓީގެ އިސްވެރިން ވިދާޅުވެފައި ވަނީ ރައީސް ޔާމީނާ ނުލައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތެއް ނުދޭނެ ކަމަށެވެ.