Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ބޭރުގެ 33 އެއާލައިނެއް ރާއްޖެ އަށް އުދުހޭ

މިހާރު ރާއްޖެ އަށް ބޭރުގެ 33 އެއާލައިނަކުން ދަތުރުތައް ބާއްވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރާ ޓޫރިޒަމް ދާއިރާގެ ހަފުތާގެ ތަފާސްހިސާބުތަކުގެ ތެރެއިން އެންމެ ފަހުން އާންމުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަހުގެ 28 އާ ހަމައަށް ރާއްޖެ އަށް ބޭރުގެ 33 އެއާލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެ ތެރޭގައި ރާއްޖެ ދަތުރުތައް ބާއްވާތާ ގިނަ ދުވަސްތަކެއްވީ މަޝްހޫރު އެއާލައިންތަކާއި ކޮވިޑް-19 ގެ ފަހުން އަލަށް ރާއްޖެ އަށް ދަތުރުތައް ފެށި އެއާލައިންތައް ވެސް ހިމެނެ އެވެެ.

މީގެ ދެ އަހަރު ކުރިން ތަޖުރިބާކުރަން ޖެހުނު ކޮވިޑްގެ ބޮޑު ބަލިމަޑުކަމާ އެކީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ވައިގެ ދަތުރުތައް އެއްކޮށް ހުއްޓުމަކަށް އަ އެވެ. އަދި އެ ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ބޮޑު ލޮޅުމެއް އެރި އެވެ. ކޮވިޑްގެ ކުރިން ރާއްޖެ އަކީ ބޭރުގެ ވަރަށް ގިނަ އެއާލައިންތަކުން ދަތުރުކުރަމުން އައި ގައުމެކެވެ. އޭގެ ތެރެއިން ގިނަ އެއާލައިންތައް އަލުން މިހާރު ދަތުރުތައް ބާއްވަމުން އައި ނަމަވެސް ދަތުރުތައް މެދުކަނޑާލި ބައެއް އެއާލައިންތަކުގެ ތެރެއިން އަލުން ރާއްޖެ އަށް ދަތުރުތައް ނުފަށާ އެއާލައިންތައް ވެސް ހިމެނެ އެވެ.

ބޭރުގެ އެއާލައިންތަކީ ރާއްޖޭގެ ޓޫރިޒަމަށް ހުޅުވިފައި އޮތް އެންމެ ބޮޑު ދޮރެވެ. އެހެންވެ ބޭރުގެ އެއާލައިންތައް ރާއްޖެ އަށް އޮޕަރޭޓްކުރުމަކީ ރާއްޖޭގެ އިގުތިސާދާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ވެސް އިތުރު އެއާލައިންތަކުން ވެސް ރާއްޖެ އަށް ދަތުރުތައް ފަށާނެ އެވެ. އޭގެ ތެރޭގައި ޝެޑިއުލް އަދި ޗާޓަރުތައް ދަތުރުތައް ބާއްވާނެ އެއާލައިންތައް ވެސް ހިމެނެ އެވެ.

ރާއްޖޭން މި އަހަރަށް ކަނޑައެޅި ޓާގެޓަކީ 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ ޓާގެޓް މި މަހުގެ 20 ގައި ހާސިލުވެފައިވާ އިރު، މި މަހުގެ 28 އާ ހަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 1،656،403 އެވެ. މިހާރު ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ އިންނެވެ. އަދި އެންމެ ބޮޑު 10 މާކެޓްގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ އިތުރުން ރަޝިއާ، ޔޫކޭ، ޖަރުމަން، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ދެކުނު ކޮރެއާގެ އިތުރުން ސްވިޓްޒަލޭންޑެވެ.