Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ސިދާތާއި ކިއާރާގެ ކައިވެނި ފެބްރުއަރީ 6 ގައި

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނި ކައިވެނިކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިންގެ ކައިވެނީގެ ވާހަކަ ދެކޭތާ މިހާރު ދުވަސްތަކެއްވެފައިވާ އިރު، މި މަހުގެ ތެރޭގައި ކައިވެނިކުރާނެ ކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އޭގެ ފަހުން އަންނަ އަހަރަށް ކައިވެނި ފަަސްކޮށްފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އެވެ. ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ސިދާތާއި ކިއާރާގެ ކައިވެނީގެ ހަފުލާ މިހާރު ތާވަލުކޮށްފައި އޮތީ ފެބްރުއަރީ 6 އަށެވެ. އަދި އެކަމުގެ ތައްޔާރީތައް ދެ ފަރާތުގެ އާއިލާ އިން އަންނަނީ ވަމުން ކަމަށާއި ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފުލާ ބާއްވާނީ ރާޖަސްތާނުގެ ޖައިސަލްމާރު ޕެލަސް ހޮޓެލްގައި ކަމަށް މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައަކަށް އެ ދެ ތަރިން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އަދި ސިިދާތާއި ކިއާރާ ވަނީ އާ އަހަރުގެ ޗުއްޓީ އަށް އިންޑިއާ އުން ބޭރަށް ފުރައިފަ އެވެ. މިދިޔަ އަހަރު ރިލީޒްކުރި "ޝޭރްޝާ" ގެ ދެ ތަރިން ރައްޓެހިވީ 2018 ގަ އެވެ.

ސިދާތު ކުރިން ރައްޓެހިވެގެން އުޅުނީ އޭނައާ އެކީ 2012 ގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އާލިއާ ބަޓާ އެވެ. ނަމަވެސް އެ ދެ މީހުން 2017 ގައި ރުޅިވެ، އާލިއާ 2018 ގައި ރައްޓެހިވީ މިހާރު ފިރިމީހާ ރަންބީރް ކަޕޫރާ އެވެ. އެ ދެ މީހުން މި އަހަރުގެ އެޕްރީލް 14 ގައި ކައިވެނިކޮށް މިދިޔަ 6 ގައި ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.