Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

އަހަރު ނިންމާލީ ކުޑަގިރި ނުހުޅުވި

ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި މި އަހަރު ނުހުޅުވި އަހަރު ނިންމައިލަން ޖެހިއްޖެ އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ރަށް ހުޅުވާނެ ކަމަށް ބުނެ ސަރުކާރުން އެކި ފަހަރު މަތިން ދުވަސްތަކެއް ކަނޑައެޅި އެވެ. އެގޮތުން އެންމެ ފުރަތަމަ ކުޑަގިރި ހުޅުވާނެ ކަމަށް ބުނީ މި އަހަރުގެ ޖުލައި މަހުގެ 26 ގަ އެވެ.

އެކަމަކު އެ ތާރީހަށް އެތަން ނުހުޅުވި ފަހުން، ނޮވެމްބަރު އަދި އޭގެ ފަހުން މި މަހުގެ ތެރޭގައި ވެސް ކުޑަގިރި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިއަދަކީ މި އަހަރުގެ ފަހު ދުވަހަށްވާ އިރު، އަހަރު ނިންމައިލަން ޖެހުނީ އެތައް ބަޔަކު އިންތިޒާރުކުރަމުން އައި ކުޑަގިރި އަށް މި އަހަރު ދެވޭނެ ގޮތެއް ނުވެ އެވެ.

އެހެންވެ އެ ރަށް ހުޅުވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ކުރިން ޕްލޭންކުރި ގޮތަށް ކުޑަގިރި ނުހުޅި ލަސްވެގެން ދިޔައީ އެ ރަށް ފެހިކުރަން ކުރާ މަސައްކަތްތަކަށް ވަގުތު ނެގުމާއި ރަށުގެ އިތުރު ތައްޔާރީތައް އަދިވެސް ކުރިއަށް ދާތީ އެވެ.

މި ފަހުން ކުޑަގިރި ސާފުކުރުމާއި ގަސް އިންދުމުގެ ޕްރޮގްރާމްތައް އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކާއި އިދާރާތަކުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ކުޑަގިރި އަކީ މާލެ އިން ފުރައިގެން ލޯންޗްގައި 15 މިނިޓުން ދެވޭހާ ހިސާބުގައި ތަރައްގީކުރި ރަށެކެވެ. މި ތަރައްގީކުރަނީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެންނެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.

މި މަހުގެ ތެރޭގައި ކުޑަގިރީގެ އެކި ވަޒީފާތަކަށް މީހުން ނަގަން އޯޕަން ޑޭއެއް ވެސް ބާއްވާފައިވެ އެވެ.