ފިލްމުތަކުގައި މިހާރު ދުވަސްވީ މީހެއްގެ ރޯލު ކުޅެން ވެސް ތައްޔާރު ކަމަށް ބޮލީވުގެ ތަރި ޝާހްރުކް ޚާން ބުނެފި އެވެ.
އުމުރުން މިހާރު 57 އަހަރުގެ އެކްޓަރުގެ އާ ފިލްމު "ޕަތާން" ގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އުމުރުން ދުވަސްވީ މީހެއްގެ ރޯލު ކުޅުމަކީ އެއްވެސް މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެގޮތުން ނުރަ ބޮލާއި ނުރަ ތުނބުޅިއާ އެކީ ވެސް ޝަހުސިއްޔަތު ވަރުގަދަ ރޯލަކަށް ތައްޔާރު ކަމަށް ބުންޏެވެ.
ޝާހްރުކް ބުނި ގޮތުގައި އޭނަ އަކީ އަބަދު ވެސް ބަދަލުތައް ބަލައި ގަންނަ، އެ ބަދަލުތަކާ އެއްގޮތަށް ކުރިއަށް ދާން ބޭނުންވާ މީހެކެވެ.
"އަހަރެން މި ފަހަރު މި އަންނަނީ ވަރުގަދަ އެކްޝަން ފިލްމަކާ އެކީ. އެކަމަކު މި ޒާތުގެ ފިލްމެއް ކުޅުމުގެ ނަސީބު މި ލިބުނީ ބޮލީވުޑަށް ނުކުތްތާ 32 އަހަރު ފަހުން،" އާންމުކޮށް ލޯބީގެ ރޯލުތަކުން ފެންނަ އެކްޓަރު ބުންޏެވެ. "ކުޅޭ ކެރެކްޓާތަކަކީ ހަގީގތުގައި އެ ކެރެކްޓާއެއް ކުޅޭ އެކްޓަރެއް ނޫން. އެކްޓަރުން މިކުރާ ކަމަކީ ވާހަކައެއް ކިޔައި ދިނުން. އެހެންވީމަ އަހަންނަކީ ކޮންމެ ކަހަލަ ކެރެކްޓާއެއް ވެސް ކުޅެން ބޭނުންވާ މީހެއް."
ޝާހްރުކް ބުނި ގޮތުގައި ހޮލީވުޑްގެ 1994 ގެ ފިލްމު "ލިއޯން: ދަ ޕްރޮފެޝަނަލް" ކަހަލަ ފިލްމެއްގައި ދުވަސް މީހެއްގެ ކެރެކްޓާއެއް ކުޅުމުގެ ޝައުގުވެރިކަން ބޮޑެވެ.
"އެހެންވެ އެކަހަލަ ވަރުގަދަ ސްކްރިޕްޓެއް އަހަންނާ ހަމައަށް ގެނެސްދީފި ނަމަ ހަވާލުވާން ހަމަ ތައްޔާރަށް މިހުރީ." ތިން ކުދިންގެ ބައްޕަ ބުންޏެވެ.
ޝާހްރުކް ބުނީ އެެކްޓަރެއްގެ ގޮތުގައި އޭނައެއް ނުވާނެ ކަމެއް ނޯންނާނެ އެވެ. އަދި އަމިއްލަ ނަފުސު ސިފަކުރީ ސުޕަހީރޯއެއްގެ ގޮތުގަ އެވެ.
"އަހަންނަކީ ރޭގަނޑު ބެޓްމޭންއެއް، ހެނދުނު ސުޕަމޭންއެއް. އަދި މެންދުރު ސްޕަޑައިޑަމޭންއެއް،" ޝާހްރުކް ބުންޏެވެ. "މާނަ އަކީ ހުރިހާ ވައްތަރެއްގެ ކެރެކްޓާތަކަކަށް ވެސް އަހަރެން ތައްޔާރޭ."
އަންނަ މަހުގެ 25 ގައި ރިލީޒްކުރާ "ޕަތާން" އަކީ މީގެ ކުރިން ޝާހްރުކް ފެނިފައި ނުވާ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމެކެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.
އަންނަ އަހަރު ޝާހްރުކްގެ އިތުރު ދެ ފިލްމެއް ވެސް ރިލީޒްވާނެ އެވެ. އެއީ އެކްޝަން ތުރިލާ "ޖަވާން" އާއި ސޯޝަލް ކޮމެޑީ "ދުންކީ" އެވެ.
ޝާހްރުކްގެ އުމުރުގެ ބޮލީވުޑްގެ އެކްޓަރުން އެ މީހުންގެ އުމުރަށް ވުރެ ދެގުނަ ހަގު ބަތަލާއިންނާ އެކީ ފިލްމު ކުޅޭތީ ވަރަށް ގިނަ ބަޔަކު ފާޑުކިޔަ އެވެ. އެގޮތުން ސަލްމާން ޚާނާއި އާމިރު ޚާނާއި އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަން ފަދަ ތަރިންނަށް އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.