Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ފުރަތަމަ އިސްލާހު ކުރަންވީ ނަފުސު

ގައުމާއި ރައްޔިތުން އިސްލާހުކޮށް، ހެޔޮމަގަށް ގެންނަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ އިސްލާހުކުރަން ޖެހެނީ އެ މީހެއްގެ އަމިއްލަ ނަފުސު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އަމިއްލަ ނަފުސު އިސްލާހު ނުކޮށް ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ނުދެވޭނެ ކަމަށެވެ.

"ގައުމާއި ރައްޔިތުން އިސްލާހުކޮށް، ހެޔޮމަގަށް ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ފައްޓަވަން ޖެހޭ ހިސާބަކީ އަމިއްލަ ނަފުސު،" އިމްރާން ވިދާޅުވި އެވެ. "އަމިއްލަ ނަފުސު އިސްލާހު ނުކޮށް ގައުމާއި ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދޭނީ ކިހިނެއް؟"

މިނިސްޓަރު ވިދާޅުވީ އަމިއްލަ ނަފުސު އިސްލާހުކޮށް ހެޔޮލަފާ މީހަކަށްވުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

"ބޭނުން ވަނީ އިހުލާސްތެރި ނިޔަތަކާއި ސާބިތު އަޒުމެއް." އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައި ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އަންނަ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގެ ތެރެއިން މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން ދައްކަވާ ވާހަތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އަންނަ މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސާއި ނަޝީދެވެ. ނަޝީދު ގެންދަވަނީ ރައީސާ އެކީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.