Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ކޭޖީއެފް" ގެ ޑައިރެކްޓަރުގެ ފިލްމަކަށް އާމިރު

ޕްރްޝާންތު އާއި އެންޓީއާރް އަދި އާމިރު.

ދޮޅު އަހަރެއްހާ ދުވަހަށް އެކްޓިން އިން ބްރޭކެއް ނަގަން ނިންމިކަން މިދިޔަ މަހު އިއުލާންކުރި ބޮލީވުޑްގެ ތަރި އާމިރު ޚާން އާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި އެ ފިލްމަކީ ކާމިޔާބު ތެލެގޫ ފްރެންޗައިޒް "ކޭޖީއެފް" ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ދާދި ފަހުން އިއުލާންކުރި ފިލްމެވެ. މި އަހަރު ރިލީޒްކުރި "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ ބަތަލުގެ ރޯލު ކުޅޭ ގޮތަށް އިއުލާންކުރި ފިލްމުގެ ވަގުތީ ނަމަކަށް އޮތީ "އެންޓީއާރް 13" އެވެ.

މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެއީ ޕްރަޝާންތު، "ބާހްބަލީ" ގެ ތަރި ޕްރަބާސްއާ އެކީ މިހާރު ހަދަމުން އަންނަ ފިލްމު "ސަލާރް" ނިންމުމަށް ފަހު އެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު 28 ގަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެންޓީއާރް ޖޫނިއާއާ އެކު ޕްރަޝާންތު އިއުލާންކުރި ފިލްމުގެ ރޯލެއް އާމިރަށް ހުށަހެޅުމުން އޭނާ ވަނީ އެއަށް އެއްބަސްވެފަ އެވެ. އަދި މިއީ ބޮޑު ބަޖެޓަކުން ހަދާނެ ވަރަށް ވަރުގަދަ ފިލްމެއް ކަމަށް ބުންޏެވެ. ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުގެ ޕްލޮޓަކީ މީގެ 20 އަހަރު ކުރިން 42 އަހަރުގެ ޑައިރެކްޓަރު ފައްކާކޮށްފައިވާ ވަރަށް ޝައުގުވެރި ކޮންސެޕްޓަކަށް ހަދާނެ އެއްޗެކެވެ.

ނަމަވެސް މިއަށް އާމިރު ސޮއިކުރިކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ގެނެސްދިން "ލާލް ސިންގް ޗައްޑާ" އެވެ. އެ ފިލްމުގެ ބޮޑު ނާކާމިޔާބީއާ ގުޅިގެން އާމިރު އެކްޓިން އިން ދިގު ބްރޭކެއް ނަގަން ނިންމުމުގެ ކުރިން ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" ގެ ރިމޭކް އޭނާ ކުޅޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް މިހާރު ނިންމާފައި އޮތީ އޭގައި ޕްރޮޑިއުސަރެއްގެ ގޮތުގައި އެކަނި އާމިރު ހިއްސާވާށެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ކޭޖީއެފް" ގެ ދެ ފިލްމަށް ފަހު، އޭގެ ތިން ވަނަ ބައެެއް ވެސް ހަދަން ޕްރަޝާންތު އޮތީ ނިންމައިފަ އެވެ. އެހެންވެ މިހާރު ބެލެވެނީ އެ ހަދާނީ އާމިރާއި އެންޓީއާރް ޖޫނިއާގެ ފިލްމަށް ފަހު ކަމަށެވެ.