ހަށިވިއްކާ ތަންތަން މަސާޖް ޕާލާގެ ނަމުގައި އިޝްތިހާރުކޮށްގެން މިހާރު ހިންގަމުންދާ ކަމަށާއި އެކަމާ އަޅާނުލައި މުއައްސަސާތަކުން ތިބުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ތަންތަން މިހާރު ހިންގަނީ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް، ރޯ ބަރަހަނާ އަންހެނުން ވެސް ލައިގެން ކަމަށެވެ.
"ފުލް ބޮޑީ މަސާޖޭ. ޕްރައިވެޓް ޕާޓްސް އިން އިސްތަށި ބާލަމޭ ކިޔާ އިރު، ދެ އަތް އުރާލައިގެން މުއައްސަސާތަކުން ތިބުމަކީ ވަރަށް ވިޔާނުދާ ކަމެއް،" ޒައިދު ވިދާޅުވި އެވެ. "މި ތަންތަން ބަންދުކޮށް ހުއްޓުވެން ޖެހޭ."
ހަށިވިއްކާ ތަންތަން މަސާޖު ޕާލާ ނަމުގައި މީހާރު ރޯ ބަރަހަނާ އަންހެނުން ލައިގެން FB ގަ އިސްތިހާރު ޖަހައިގެން، ފުލް ބޮޑީ މަސާޖޭ، ޕްރައިވެޓް ޕާޓްސް އިން އިސްތަށި ބާލަމޭ ކިޔާ އިރު، ދެ އަތް އުރާލައިގެން މުއައްސަސާތަކުން ތިބުމަކީ ވ ވިޔާނުދާ ކަމެއް! މިތަންތަން ބަންދުކޮށް ހުއްޓުވެންޖެހޭ!
— Ali Zaid (@alizaid1000) December 31, 2022
ރާއްޖޭގެ ވެރިރަށް މާލޭގައި ހާއްސަކޮށް ހަށިވިއްކުމުގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރަމުން ދިއުމަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އަދި މިފަދަ ބައެއް ތަންތަން އިޝްތިހާރުކުރަން މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ފާޅުކަން ބޮޑުކޮށް އިޝްތިހާރުކުރަން ވެސް ފާހަގަވެ އެވެ.
އެގޮތުން މާލޭގައި ސެލޫންއެއްގެ ނަމުގައި ހިންގާ ތަނަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރެއްގައި ފިރިހެނުންގެ ފޫޅުން ތިރި ޝޭވްކޮށްލައި، 600ރ. އަށް މަސާޖެއް ވެސް ކޮށްލެވޭނެ ކަމަށް ބުނެ އިޝްތިހާރުކޮށްފައިވެ އެވެ.
މާލޭގައި ހަށިވިއްކާ ތަންތަން ހިންގައި އެކަން ބޮޑު ވިޔަފާރީއެއްގެ ގޮތުގައި ހިންގަމުން އަންނަ އިރު، މީގެ ކުރިން އެފަދަ ބައެއް ތަން ހޯދައި، ހަށިވިއްކާ މީހުން އަތުލައިގެންފައިވެ އެވެ. އެކަމަކު ފަހަކަށް އައިސް ހަށިވިއްކާ ތަންތަނާއި އެފަދަ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާ ތަނެއް ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.