Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

މިރޭ 12 އިން ފެށިގެން ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވާނެ

މިރޭ 12 އިން ފެށިގެން ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުވާނެ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

ޝިފާއުގެ އިސްލާހުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ އިސްލާހުގެ ބިލު ތަސްދީގު ކުރައްވާފަ އެވެ.

ޓެކްހަށް މިރޭ 12 އިން ފެށިގެން ގެންނަން ނިންމި ބަދަލާ އެކީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވާނެ އެވެ. ސަރުކާން ބުނެފައިވާ ގޮތުގައި ޓެކްހުގެ ގާނޫނަށް ގެނައި މި އިސްލާހު މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.

ޓެކްސް ބޮޑުކުރާ ބިލަށް ސަރުކާރު ހިންގާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އިދިކޮޅި މެމްބަރުން ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ޓެކްސް ބޮޑުކުރާތީ ރައީސް ސޯލިހާއި ސަރުކާރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.