މާކަސް ރެޝްފޯޑް ޖެހި ގޯލުން 1-0 އިން ވުލްްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ އަށް އަރައިފި އެވެ.
މި މޮޅާއެކު ހަތަރުވަނައިގައި ޔުނައިޓެޑް މިހާރު އޮތީ 16 މެޗުން ލިބުނު 32 ޕޮއިންޓާ އެކު އެވެ. ކުރިން ހަތަރެއްގައި އޮތް ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 16 މެޗުން 30 ޕޮއިންޓާ އެކު އެވެ. މި މެޗުން ބަލިވި ވުލްވްސް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ.
ވުލްވްސް ދަނޑުގައި މިރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ އެގާރައިގައި ރަނގަޅު ފޯމެއްގައި މިވަގުތު ހުރި ރަޝްފޯޑް ހިމަނާފައެއް ނުވެ އެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރަޝްފޯޑަށް ފުރަތަމަ އެގާރައިން ޖާގަ ނުދިނީ އިންޓާނަލް ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ލީޑު ނަގަން ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން މި ހާފުގައި ޔުނައިޓެޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ވުލްވްސްގެ ގޯލްކީޕަރު ޖޯސޭ ސާގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ދެވަނަ ހާފްގައި ކުޅެން އެރި ރަޝްފޯޑް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓްގަ އެވެ. ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ރަޝްފޯޑް މި ގޯލު ކާމިޔާބުކުރީ ވުލްވްސް ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
އޭގެ ފަހުން، ރަޝްފޯޑް އިތުރު ގޯލެއް ޖެހި ނަމަވެސް އެ ބޯޅަ ގޯލަށް ވަދެފައިވަނީ ރަޝްފޯޑްގެ އަތުގައި ޖެހިފައި ކަމަށް ވީއޭއާރުން ނިންމުމުން އެ ގޯލު ބަލައިނުގަތުމަށް ރެފްރީ ވަނީ ނިންމާފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވުލްވްސްގެ ރައުލް ހިމެނޭޒް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފަ އެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބޯންމަތްއާ އެވެ. ވުލްވްސް ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.