Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

އާސެނަލަށް އެއްވަނައިގައި ބޮޑު ލީޑެއް

ބްރައިޓަން 4-2 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލުން 7 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އާސެނަލް އެއްވަނައިގައި އޮތީ 16 މެޗުން ލިބުނު 43 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 36 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 34 ޕޮއިންޓާ އެކު އޮތީ ނިއުކާސަލް ޔުނައިޓެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 66 ވަނަ ސިކުންތުގައި ބުކާޔޯ ސަކާ ވަނީ އާސެނަލަށް ލީޑު ނަގާދީފަ އެވެ. މިއީ 2013 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގު މެޗެއްގައި އާސެނަލުން ޖެހި އެންމެ އަވަސް ގޯލެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޓިން އޮޑެގާޑް އާސެނަލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އިރު ދެވަނަ ހާފްގެ ކުރީކޮޅު އެޑީ އެންކެޓިއާ ވަނީ އާސެނަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގެ 65 ވަނަ މިނެޓްގައި މިޓޯމާ ބްރައިޓަނަށް ގޯލެއް ކާމިޔާބުކޮށްދިން އިރު އޭގެ ހަ މިނެޓްފަހުން ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ބްރައިޓަންގެ ދެވަނަ ގޯލް މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފާގަސަން އެވެ.

އާސެނަލުން ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއް ނެގިއިރު 2004 ވަނަ އަހަރަށްފަހު އެޓީމަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި އެވަޓަން އަތުން 1-1 އިން އެއްވަރުވެފަ އެވެ. ކްރިސްޓަލް ޕެލެސް އިން ރަށުން ބޭރުގައި ބޯންމަތް 2-0 އިން ބަލިކުރިއިރު ފުލަމް އިން ވަނީ 2-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ.