Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އުތުރު ކޮރެޔާ އިން އާ އަހަރު ފެށީ މިސައިލަކުން

އާ އަހަރާ ދިމާކޮށް އުތުރު ކޮރެޔާ އިން ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ އޮފީހުން ބުނީ އެ މިސައިލް ލޯންޗްކޮށްފައިވަނީ އުތުރު ކޮރެޔާގެ ވެރިރަށް ޕިޔޮންގްޔަންގްގެ އުތުރުގެ ހިސާބަކުން ކަމަށެވެ. މި މިސައިލް 400 ކިލޯމީޓަރަށް ދަތުރުކޮށްފައިވާ ކަމަށާއި މިސައިލް ވެއްޓިފައިވަނީ ކޮރެއަން ޕެނިންސިއުލާ އާއި ޖަޕާނާއި ދެމެދު އޮންނަ ކަނޑަށް ކަމަށްވެސް ބުނެފައިވެ އެވެ.

ދެކުނު ކޮރެޔާ އިން ބުނީ އެމެރިކާއާ ގުޅިގެން އުތުރު ކޮރެޔާ އިން ހިންގާ އަމަލުތައް ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ. އަދި އުތުރު ކޮރެޔާގެ އަމަލުތައް ހުރީ ސުލްހަ އާއި ސަލާމަތަށް ވެސް ހުރަސް އެޅޭ ފަދަ ގޮތަކަށް ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރަކީ އުތުރު ކޮރެއާއިން އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސައިލް ޓެސްޓުކުރި އަހަރެވެ. އެގޮތުން މިދިޔަ އަހަރު އެކަނި އެގައުމުން ވަނީ 70 މިސައިލް ޓެސްޓުކޮށްފަ އެވެ.

އުތުރުކޮރެއާ އަކީ ދުނިޔޭގެ ނިއުކްލިޔާ ބާރުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ދުރުރާސްތާގެ މިސައިލް ޓެކްނޮލޮޖީގެ ގާބިލްކަން ހުރި މަދު ގައުމުތަކުގެ ތެރޭގައިވެސް އެގައުމު ހިމެނެ އެވެ.