މިއީ ހަނގުރާމައިގައި ޔުކްރޭނުން ކާމިޔާބު ހޯދާނެ އަހަރު ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރަޝިއާ އިން ޔުކްރޭނަށް އަރައިގަނެ ހަނގުރާމަ ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އާ އަހަރާއި ދިމާކޮށް ޒެލެންސްކީ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔުކްރޭނުން މިއަހަރު ކާމިޔާބު ހޯދާނެ ކަމަށާއި އެކަން ކުރާނީ ބޭރުގެ އެހީއާއެކު ޔުކްރޭނުގެ ރައްޔިތުން ބުރަކޮށް މަސައްކަތްކޮށްގެން ކަމަށެވެ.
"އާ އަހަރަށް މަރުހަބާ. މިއީ އަހަރަމެންގެ ކާމިޔާބުގެ އަހަރު." ޒެލެންސްކީ ވިދާޅުވި އެވެ.
އާ އަހަރަށް މަރުހަބާ ކިޔަން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ރަޝިއާ އިން ޔުކްރޭނުގެ ވެރިރަށް ކީވް އަށް ވައިގެ ގިނަ ހަމަލާތަކެއް އަމާޒުކުރިއިރު ޒެލެންސްކީ ވަނީ ޔުކްރޭނާއި ދުނިޔޭގެ އެކަކު ވެސް ރަޝިއާގެ މި އަމަލުތަކަށް މައާފު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ހަމަލާތަކުގައި އެކަކު މަރުވެ ހަތް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައިގައި މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 15،000 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ހަނގުރާމައިގެ ސަބަބުން 14 މިލިއަން މީހުން ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައިވާއިރު ހަނގުރާމައިގައި ލިބުނު ގެއްލުން 350 ބިލިއަން ޑޮލަރަށް އަރަ އެވެ.