Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"އެނިމަލް" ގެ ފަސްޓްލުކް ދައްކާލައިފި

ބޮލީވުޑްގެ ބަތަލު ރަންބީރު ކަޕޫރް މިހާތަނަށް ފެންނާނެ އެންމެ ޑާކް ކެރެކްޓާ ކެރެކްޓާ ދައްކުވައި ދޭނެ ފިލްމު "އެނިމަލް" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ރޭ ދަންވަރު އާންމުކުރި ޕޯސްޓަރުގައި ފެންނަނީ ދިގު އިސްތަށިގަނޑަކާއި ތުނބުޅިއަކާ އެކީ ރަންބީރް ފޮރޯއެއް ހިފައިގެން ލެއިން ތަތްތެޅިފައި ހުއްޓަ އެވެ. "އެނިމަލް" 2019 ގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާއެކެވެ.

މީގެ ކާސްޓްގައި ދެކުނުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ އާއި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އޮގަސްޓް 11 ގަ އެވެ.

މި ފިލްމުގެ ކުރިން މި އަހަރުގެ މާޗް 8 ގައި ރަންބީރާއި ޝްރަދާ ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ މޭ މައްކާރް" ސިނަމާތަކަށް އަންނާނެ އެވެ. ލަވް ރަންޖަން ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ފަސްޓްލުކް ވެސް މިދިޔަ މަހު ދައްކާލާފައިވެ އެވެ.

ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ރަންބީރް އެންމެ ފަހުގެ ފިލްމަކީ އަންހެނުން ބަތަލާގެ ރޯލު ކުޅުނު "ބުރައްމަސްތުރާ" އެވެ. މިދިޔަ އަހަރު ރަންބީރް "ޝަމްޝޭރާ" އިން ވެސް ފެނިފައިވެ އެވެ.