Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

މިދިޔަ އަހަރާ މެދު ހިތްހަމަޖެހޭ: ރައީސް

މިދިޔަ އަހަރު ދިވެހިންނަށް ހާސިލު ކުރެވުނު ކަންކަމާ މެދު ހިތްހަމަޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވަން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިން ގޮންޖެހުންތަކަކާ އެކީ ވެސް މިދިޔަ އަހަރަކީ ރާއްޖެ އަށް ގިނަ ކަންތައްތަކެއް ހާސިލުކުރެވުނު އަހަރެއް ކަމަށާއި އެހެންވެ ފަހުރުވެވަޑައިވަޑައިގަންނަވާ ކަމަށެވެ. އަދި މި ފެށުނު އާ އަހަރާ އެކީ އިތުރު ފުރުސަތުތައް ފަހިވެ، ދިވެހިންނަށް އިތުރު ފާގަތިކަމަށް އެދިވަޑައިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ދިވެހިންނަށް އުފާވެރި، ދުޅަހެޔޮ އަދި ފާގަތި އަހަރަކަށް އެދެން." ރައީސް ވިދާޅުވި އެވެ.

ރައީސާއި އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ނަމުގައި އާ އަހަރުގެ ތަހުނިޔާ ފޮނުއްވި އިރު، ދެކަނބަލުން މި ވަގުތު ތިއްބެމީ ނުރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި ސްރީ ލަންކާގަ އެވެ.

ރައީސް މިހާރު ގެންދަވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވަން ކެމްޕޭން ކުރައްވަމުންނެވެ. ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ. އޭގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވަ އެވެ.