Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ބޮޑު ޓެކްހާ އެކީ އޮތީ ގޮންޖެހުންތައް: ނަޝީދު

ދިވެހިން އާ އަހަރަކަށް މަރުހަބާ ކީ އިރު، ބޮޑު ޓެކްހާ އޮތީ ގޮންޖެހުންތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާ އަހަރު ތަހުނިޔާ ފޮނުވަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ދަންވަރު 12:00 އިން ފެށިގެން ބޮޑުކުރި ޓެކްހާ އެކީ ދިވެހިންނަށް މި އަހަރަކީ އިންފްލޭޝަން އުފުލި ތަކެތީގެ އަގު ވެސް ބޮޑުވާނެ އަހަރެއް ކަމަށެވެ. ޓެކްހަށް ގެނައި ބަދަލަށް ބަލާ އިރު ކުރިން 6 ޕަސެންޓް ނަގަމުން އައި ޖީއެސްޓީ މިހާރު ވަނީ 8 ޕަސެންޓަށް ބޮޑުވެފަ އެވެ. އަދި ކުރިން 12 ޕަސެންޓް ނަގަމުން އައި ޓީޖީއެސްޓީ މިހާރު ވަނީ 16 ޕަސެންޓަށް ބޮޑުވެފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށްޓަކަ އެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރުމަކީ ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކަމާ ދެކޮޅު ހެއްދެވި ކަމެކެވެ. އެގޮތުން ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހެޅުމުން އެކަމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރަށް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.

އަދި އެ މަނިކުފާނު މިހާރު މި އަހަރުގެ ރިޔާސީ އިންތިހާބަށް ޓިކެޓް ހޯއްދަވަން ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ވެރިކަން ލިިބިވަޑައިގެންފި ނަމަ ޓެކްސް ކުޑަކުރައްވާނެ ކަމަށް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އާ އަހަރަށް މަރުހަބާ ކިޔަން ނަޝީދު ކުރެއްވި ޓްވީޓެއްގައި ބޮޑުކުރި ޓެކްހާ އެކީ ގޮންޖެހުންތަކަށް އޮތަސް އާ އުންމީދުތަކެއް ވެސް ކުރެއްވޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކްލައިމެޓް ޗޭންޖް ނުވަތަ މުސޫމީ ބަދަލުތަކާ އެކީ ކުރިމަތިވާ މައްސަލަތައް ބޮޑުވަމުން ދިޔަ ނަމަވެސް ރަނގަޅު މިސްރާބަކަށް ކަންކަން ދާނެކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވި އެވެ.