Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

އުޅަނދުތަކުގެ ފީ ދެން ދައްކާނީ ސަވާރީޕޭ މެދުވެރިކޮށް

އައްޑޫގައި ފުލުހުންތަކެއް މީހެއްގެ ސައިކަލް ޗެކް ކުރަނީ. ފޮޓޯ/ އައްޑޫ ލައިވް

މިހާތަނަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަމުން އައި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ފީތަކާއި ޖޫރިމަނާތައް މިއަދުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަލައިގަންނަން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ ފީތައް ބަލައިގަންނާނީ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ" pay.transport.gov.mv
މެދުވެރިކޮށް ކަމަށެވެ. އެގޮތުން އެއްގަމުގެ އުޅަނދުތަކުގެ ފީ އާއި ކަނޑުތަކު ފީގެ އިތުރުން ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާ ވެސް ދައްކަން ޖެހޭނީ އެ ޕޯޓަލް މެދުވެރިކޮށެވެ.

މި ބަދަލު ގެނައި އިރު، އުޅަނދުފަހަރުގެ އަހަރީ ފީ މި މަހުގެ 1 އިން ދުވަހުން ފެށިގެން ކައުންސިލްތަކަަށް ޖަމާކުރާ ގޮތަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން މިދިޔަ މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާގައި ބުނެފައި ވަނީ، އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ބަލައިގަންނާނީ އަންނަ މަހުގެ 1 އިން ފެށިގެން އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށެވެ.

ސާކިއުލާގައިވާ ގޮތުން ކައުންސިލުތަކުން ފީ ނެގޭ އިރު، ކައުންސިލްގެ އެކައުންޓަށް އެ ފައިސާ ޖަމާވާނީ ކައުންސިލުތަކުގެ އެކައުންޓް ބަނޑޭރި ޕޯޓަލްއާ އިންޓަގްރޭޓްވެފައިވާ ނަމައެވެ. އަދި ބަނޑޭރި ޕޯޓަލްއާ އިންޓްރޭޓް ނުވެ ހުރި ކައުންސިލްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވުމުގެ ބަދަލުގައި ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. ހާމަކުރެއެވެ. އަދި އެ އެކައުންޓަށް ޖަމާވާ ކައުންސިލްތަކަށްވާ ފައިސާ އެ ކައުންސިލާ ހަވާލު ކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން އޭރު ވަނީ އަހަރު ނިމުމުގެ ކުރިން ބަނޑޭރި ޕޯޓަލްގައި ކައުންސިލްތަކުގެ އެކައުންޓްތައް އިންޓަގްރޭޓްކުރުމަށް ވެސް އަންގައިފަ އެވެ.