މިދިޔަ އަހަރު ކުރިމަތިވި މާލީ އަދި އިގުތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކާ އެކީ ފެށުނު އާ އަހަރަކީ ވެސް ސްރީ ލަންކާ އަށް ފަސޭހަ އަހަރަކަށް ނުވާނެ ކަމަށް ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
އާ އަހަރާ ދިމާކޮށް ރަނިލް ދެއްވި މެސެޖްގައި ވިދާޅުވީ މިދިޔަ އަހަރަކީ އެތައް ގޮތަކުން ލަންކާ އަށް ވަރަށް އުނަދގޫ އަހަރެއް ކަމަށާއި ރައްޔިތުންނަށް އުފުލަން ޖެހުނު ދައްޗާއި ތުރާލާއި ތަކުލީފުތައް ބޮޑު ކަމަށެވެ. އަދި އެކަންކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މި ގޮންޖެހުންތަކާ އެކީ އާ އަހަރަށް ކުތިމަތިލި އިރު، މި އަހަރަކީ ވެސް ލުއި ފަސޭހަ އަހަރަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރަނިލް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އަންނަނީ ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަނާ އެކީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި މަަސައްކަތްތަކާއި އަޅަން ހުރި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސިޔާސީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށް ބެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދަތިތަކުން އަރައިގަތުމަށްޓަކައި ކުރެވުނު މަސައްކަތްތަކުން އެންމެ ދަތި ދުވަސްތައް މިހާރު މާޒީވެއްޖެ،" ރަނިލް ވިދާޅުވި އެވެ. "އެކަމަކު ވެސް އަހަރެމެންނަށް ހުރި މައްސަލަތައް ކުރަން މަސައްކަތްތަކެއް މަދެއް ނުވޭ."
އޭނަ ވިދާޅުވީ މި އަހަރަކީ ލަންކާގެ މިނިވަންކަމަށް 75 އަހަރު ވެސް ފުރޭ އަހަރަށްވުމާ އެކީ ސިޔާސީ ގޮތުން ކުރެވޭ ކޮންމެ ކަމަކީ ވަރަށް ހަރުދަނާ މަސައްކަތްތަކަށް ވާން ޖެހޭ ކަމަށެވެ. ނަމަވެސް ފާއިތުވި ތަނުގައި ގައުމުގެ ޒުވާނުން އެންމެ އެދޭ ފަދަ ބަދަލުތަކެއް ފެނިގެން ނުދިއުމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވެ އަބަދު ވެސް ޒުވާނުން ބަދަލުތަކަށް ގޮވަމުން އަންނަނީ. މި ސަރުކާރުން އެކަންކަމަށް ރިއާޔަތްކުރާނެ." ރަނިލް ވިދާޅުވި އެވެ.
ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާ އޮތީ "ބަނގުރޫޓް" ހާލަތުގަ އެވެ.