ސޮނީ ޓީވީގެ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީޒަންގެ ދޭއްގެ ލީޑް ބަތަލު ނަކުލް މެހެތާ އެއިން ވަކިވާން ނިންމާފައި ވަނިކޮށް، ސިލްސިލާގެ ލީޑް ބަތަލާ ޑިޝާ ޕަރްމަރް ވެސް އެ ދޫކޮށްލަން ނިންމައިފި އެވެ.
ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާގެ އަންހެނުން ބުނީ މިދިޔަ އަހަރު ދައްކަން ފެށި ސިލްސިލާ އިން ވަކިވާން ނިންމީ އޭގެ ވާހަކަ އަށް ގެންނަން ނިންމި 20 އަހަރު ލީޕާ އެކީ ދުވަސްވީ މީހެއްގެ ރޯލު ކުޅެން ބޭނުން ނުވާތީ ކަމަށެވެ. ސްޓާ ޕްލަސް އިން 2012-2014 އަށް ގެނެސްދިން މަގުބޫލު ސިލްސިލާ "ޕިޔާރު ކާ ދަރުދޭ ހޭ މީޓާ މީޓާ ޕިޔާރޭ ހޭ" ގެ ވެސް ބަތަލާ ބުނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގެ ވާހަކައަށް މިދިޔަ އަހަރު ގެނައި ބަދަލަކާ އެކީ ވެސް ޝޯ ދޫކޮށްލުމުގެ ހިޔާލުތަކެއް ގެންގުޅުނު ކަމަށެވެ.
"އޭރު ވާހަކަ އަށް ފެނައި ލީޕަކާ އެކީ ފަސް އަހަރުގެ ދަރިއެއްގެ މައެއްގެ ރޯލު ކުޅެން ޖެހުމުން ޖެހިލުންވި. އެކަމަކު ހިތަށް އެރީ ޗެލެންޖަކަށް އެކަން ނަގާފައި ކުރިއަށް ދާނީއޭ. ދެން ފަހުން އެ ބަދަލުވީ ހަމަ ވަރަށް ގަޔާވި ޝައުގުވެރި ބަދަލަކަށް،" ޑިޝާ، 28، ބުންޏެވެ. "އެކަމަކު މިހާރު މީގެ ވާހަކަ އަށް އިތުރު ވިހި އަހަރުގެ ލީޕެއް ގެންނަން ނިންމީމަ ހިތަށް އެރީ އަހަންނަށް ދެން ވާ ވަރުވެއްޖޭ. ފާއިތުވި ދޮޅު އަހަރު ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހެއޭ."
އޭނާ ބުނީ ސިލްސިލާ އިން ދެން ނުފެނުން އެއީ އެއިން ވަކިވާން ނިންމީ ކަމަށް ސިފަކުރަން ބޭނުން ނުވާ ކަމަށެވެ.
"މި ބަދަލު އަހަރެން ސިފަކުރަން ބޭނުން ވަނީ އާ ޕްރޮޖެކްޓްތަކަށް ވަގުތު ދޭން ނިންމި ނިންމުމެއްގެ ގޮތުގައި،" މިދިޔަަ އަހަރު ރާއްޖެ އަށް ޗުއްޓީ އަށް ވެސް އައި ޓީވީ ބަތަލާ ބުންޏެވެ. "ބަޅޭ އައްޗޭގައި މަސައްކަތްކުރުމަކީ ހިތްހަމަޖެހޭ ތަޖުރިބާއެއް. އޭގައި އަހަރެން ހޭދަކުރި ގިނަ ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް."
މިދިޔަ އަހަރުގެ އޮގަސްޓް 30 ގައި ދައްކަން ފެށި "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އަކީ ޑިޝާ އާއި ނަކުލް ކުޅުނީ ދެމަފިރިންގެ ރޯލެވެ. މި ސިލްސިލާ އަކީ އެކްތާ ކަޕޫރް ކުރިން ހަމަ އެ ނަމުގައި 2011-2014 އަށް ސޮނީ އަށް ގެނައި ސިލްސިލާގެ ދެވަނަ ސީޒަނެވެ. ޖުމްލަ 644 އެޕިސޯޑް ގެނެސްދިން އެ ސިލްސިލާގެ ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރު އެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގެ 348 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.