ދިވެހިންނަކީ މިހާރު ސިޔާސީ ގޮތުން ތަސައްރަފު ފުދޭ ބައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައި ކަމަށާއި ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރި ކުރެވޭނެ ގޮތަށް ސިޔާސީ ޙަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމުގެ ސިޔާސީ އަދި އިޖުތިމާޢީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ދިވެހިންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާ އަކީ، ގައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
"މިއަދު މި ފެށުނު އަހަރަކީ ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ޙަޔާތުގައި ވެސް މުހިންމު ޙަރަކާތްތަކަކަށް އަލިވިލުނު އަހަރެއް." ރައީސް ވިދާޅުވި އެވެ.
އަދި އާ އަހަރުގެ ޢަޒުމެއްކަމުގައި ކޮންމެ މީހަކު ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކޮށް، ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނުމެވެ.
"ޚިޔާލު ތަފާތުވުންތަކާ އެކީގައި ވެސް، ޤައުމީ މަޞްލަޙަތަށް ބުރޫ އެރިޔަނުދީ، ޞުލްޙައިގެ މަގު އިޚްތިޔާރުކުރަން ޖެހޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ އަށް ލިބުނު އެންމެ މަތިވެރި އަރުތަ އަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުމެވެ. އަދި، އިންސާނީ ޙައްޤުތައް ކުރިއަރުވައި، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނު ކަމަށާއި، ރަނގަޅު ނަތީޖާއެއް ވެސް ޙާޞިލުކުރެވުނު ކަމަށް ވިދާޅުވި އެވެ.