Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

އެސްއެސް ނެޓަށް ހޮޓްލައިން ނަމްބަރެއް

މުޅި ރާއްޖޭގެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ އެސްއެސް ނެޓުން މިއަދު ހޮޓްލައިން ނަމްބަރެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ދެމުން އައި ކޭބަލް ޓީވީގެ ހިދުމަތް އެ ކުންފުންޏަށް ގާނޫނީ ގޮތުން ދިމާވި ހުރަސްތަކަކާ އެކީ ކުރިއަށް ގެންދެވެން ނެތުމުން މިހާރު އެ ހިދުމަތް ސަން ސިޔާމް މީޑިއާގެ ދަށުން އެސްއެސް ނެޓްގެ ނަމުގައި ދޭން ތައްޔާރުވަމުން އަންނަ އިރު، ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދަން އާންމުކުރި ހޮޓްލައިން ނަމްބަރަކީ 1633 އެވެ.

ސަން ސިޔާމް މީޑިއާ އަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ މުހައްމަދު އާސިފް (މޮންދު) އިސް ވެރިއެއްގެ ގޮތުގައި ހުންނަވާ ކުންފުންޏެކެވެ. އޭނަ އަކީ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި ވީޓީވީ ހިންގުމުގައި ވެސް އުޅުއްވި ބޭފުޅެކެވެ.

އެސްއެސް ނެޓް ހިދުމަތް ދޭން ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން ދިރާގު ޓީވީގެ ޚިދުމަތް ހުއްޓާލާ ދުވަހުން ފެށިގެން އެސްއެސް ނެޓްގެ ޚިދުމަތް ލިބޭނެ އެވެ. އެސްއެސް ނެޓުން ބުނި ގޮތުގައި މި މަހުގެ 15 އިން ފެށިގެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުޞަތު ފަހިކޮށްދޭނެ އެވެ.

އެސްއެސް ނެޓުން ހިދުމަތް ދޭން ފަށާ އިރު، އާ ޗެނެލްތަކެއް ވެސް ތައާރަފުކުރާނެ އެވެ. އަދި ވާދަވެރި އެހެން ކުންފުނިތަކުގެ އަގުތަކާ ދާދި އެއް އަގުތަކެއްގައި ހިދުމަތް ދޭނެ އެވެ.

އެސްއެސް ނެޓް ކަސްޓަމާ ސާވިސްގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. އަދި ވެބްސައިޓް ssnet.mv އިން ވެސް މައުލޫމާތު ހޯދޭނެ އެވެ.

އެސްއެސްނެޓް ކޭބަލް ޓީވީގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހު ކުރާނީ އަންނަ މަހުގެ 1 އެވެ.