Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ "ދަރިފުޅު" އެންގޭޖްވެއްޖެ

ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގައި ޝާހްރުކް ޚާންގެ ދަރިފުޅުގެ ރޯލު ކުޅުނު ސަނާ ސައީދު އެންގޭޖްވެއްޖެ އެވެ.

ކަރަން ޖޯހަރް 1998 ގައި ގެނެސްދިން ކާމިޔާބު ފިލްމުގައި އަންޖަލީގެ ރޯލު ކުޅުނު ސަނާ، 34، އެންގޭޖްވީ އެމެރިކާގެ މީހަކާ އެވެ. އެއީ އޭނަ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ސާބާ ވެގްނާއާ އެވެ. އޭނަގެ އިންސްޓަގްރާމްގައި ބުނެފައިވާ ގޮތުގައި ސާބާ އަކީ އެމެރިކާގެ ލޮސް އެންޖެލިސްގެ ސްވީޓް ޖަސްޓިސް ސައުންޑް އިންކްގެ ޑިރެކްޓަރެއްގެ އިތުރުން އެތަނުގެ ސުޕަވައިޒިން ސައުންޑް އިންޖިނިއަރެކެވެ.

ސަނާ އާއި ސާބާ އެންގޭޖްވިކަން އިއުލާންކޮށްފައި ވަނީ މިއަދު ދެ މީހުންގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގަ އެވެ. އޭގައި ސަނާ އަށް، ސާބާ ޕްރޮޕޯޒްކުރާ ތަން ވެސް ފެނެ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" ގެ އިތުރުން "ބާދަލް" އާއި "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" ގައި ވެސް ސަނާ ކުޑަކުއްޖެއްގެ ގޮތުގައި ފެނިފައިވެ އެވެ. އަދި އޭނަ ބޮޑުވި ފަހުން ފެނިފައި ވަނީ އާލިއާ ބަޓާއި ވަރުން ދަވަނާއި ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ކަރަންގެ 2012 "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.

ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ސަނާ ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ޖަލަކް ދިކްލާ ޖާ 6" އާއި "ހަތުރޯން ކޭ ކިލާޅީ 7" ހިމެނެ އެވެ.