Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"މި ހިތުގެ ރާނީ" ހަމަ ޗާލު

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ހިނދުކޮޅެއް" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން "މި ހިތުގެ ރާނީ" މިއަދު ދައްކާލައިފި އެވެ.

މި ލޯބީ ލަވައިން ފެނިގެން ދަނީ ފިލްމުގެ ލީޑް ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފު އަބްދުﷲ އެވެ. ދަ ކްލިއޯ ބޭންޑުގެ މިއުޒިކް އިވިގެންދާ ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ ކްރޮސްރޯޑްސްގަ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމާފައި އޮތް "ހިނދުކޮޅެއް" އަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލެއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ޗިއްޕެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019 ގެ ކޮމެޑީ ފިލްމު "މާމުއި" އެވެ. އޭނަ ޑައިރެކްޓްކުރި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" ހިމެނެ އެވެ.

އަޅުވާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ހިނދުކޮޅެއް" ގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ ރަވީ ފާރޫގާއި މަރިޔަމް މަޖުދާ ވެސް ހިމެނެ އެވެ.

ޑާކް ރެއިނުން އަންނަނީ އަންނަ މަހުގެ 6 ގައި "ބީވީމާ" އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުންނެވެ. ކާސްޓްގައި އާޝާ ވެސް ހިމެނޭ އެ ފިލްމަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ފުރަތަމަ ފިލްމެވެ. އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވެސް ހިމެނެ އެވެ.