Last Updated: July 22, 18:06
Wednesday, July 22, 2026
ވިޔަފާރި

މި އަހަރު ތިންބައިކުޅަ އެއްބައި ރިސެޝަނެއްގައި

މި އަހަރު ދުނިޔޭގެ ތިންބައިކުޅަ އެއްބައި އޮންނާނީ ރިސެޝަނެއްގެ ތެރޭގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އެތަނުގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ މި އަހަރަކީ ވެސް އިގުތިސާދީ ގޮތުން ފަސޭހަ އަހަރަކަށް ނުވާނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ އާއި އާއި ޗައިނާ އަދި އީޔޫގެ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން ވެސް ދަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މި އަހަރަކީ އެ ގައުމަތަކަށް ވެސް އިގުތިސާދީ ގޮތުން ފަސޭހަ އަހަރަކަށް ނުވާނެ." ކްރިސްޓަލީނާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ކުރީކޮޅު ފެށުނު ޔުކްޔޭކް ހަނގުރާމަ ފަދަ ކަންކަމާ އެކީ ދުނިޔޭގެ އިގުތިސާދަށް އެރި ލޮޅުންތަކުގެ އަސަރު މި އަހަރު ދުނިޔޭގެ ތިންބައިކުޅަ އެއްބަޔަށް ކުރާނެ އެވެ. ނަތީޖާ އަކީ ރިސެޝަނެއް ނުވަތަ އިގުތިސާސީ ތަށުމަޑުކަމެއްގެ ތެރެގައި ހިނަ ގުއުމުތަކެއް ތިބެން ޖެހުން ކަމަށް ވިދާޅުވި އެވެ.

"މާނަ އަކީ ދުނިޔޭގެ އިގުތިސާދުގެ ތިންބައިކުޅަ އެއްބައި އޮންނާނީ ރިސެޝަނެއްގެ ތެރޭގައި ކަމަށް ލަފާކުރެވެއޭ،" ސީބީއެސްގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމްގައި ކްރިސްޓަލީނާ ވިދާޅުވި އެވެ. "އެހެންވެ ރިސެޝަނެއްގެ ތެރޭގައި ނެތް ގައުމުތަކަށް ވެސް މި އަހަރު އެފަދަ ދަތިކަމެއްގެ ތެރޭގައި އުޅެން ޖެހުމުގެ އިހުސާސް ކުރަން ޖެހޭނެ."

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭ އިގުތިސާދުގެ ދެވަނަ ބާރުގެ ގޮތުގައި ފާހަގަކުރެވޭ ޗައިނާ އަދިވެސް ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތިމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ އިރު، މީގެ ސަބަބުން އެ ގައުމަށް މިހާރު ވެސް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަަށެވެ.

"ޗައިނާގެ ހާލަތު ގޯސްވަމުންދާ ކަމަށްވާ ނަމަ އޭގެ ނޭދެވޭ އަސަރު މުޅި އެ ސަރަހައްދަށް އަދި ޖުމްލަކޮށް މުޅި ދުނިޔޭގެ އިގުތިސާދަށް ކުރާނެ." ކްރިސްޓަލީނާ ވިދާޅުވި އެވެ.

އައިއެމްއެފުން ބުނި ގޮތުގައި އިގުތިސާދީ ގޮތުން ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށްޓަކައި ހުރިހާ ގައުމުތައް ގުޅިގެން އެކީގައި މަސައްކަތްކުރަން ޖެހެ އެވެ. އަދި އެ މަސައްކަތް އަވަސްކުރުން ވަރަށް މުހިއްމު ކަމަށް ވެސް ބުންޏެވެ.