ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އިމާރާތް މި މަހުގެ 15 ގައި ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އެ އިމާރާތަށް ބައެއް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ފަށާފައިވެ އެވެ. އެގޮތުން މިހާރު ބައެއް އޮފީސްތައް އާ އިމާރާތަށް ބަދަލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، އިމާރާތް ރަސްމީކޮށް މި މަހުގެ 15 ގައި ހުޅުވަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ހަ ބުރީގެ މި އިމާރާތް ހެދީ ޗައިނާގެ ހުނާން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި މި މަޝްރޫއަށް ސަރުކާރުން 185 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީން ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހެދި އިމާރާތަށް އޮފީސްތަކެއް ބަދަލުކުރަން މިހާރު ސެޓަޕްތައް ހެދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި އޮފީސް އީމާރާތުގެ އެންމެ ތިރި އަދި ފުރަތަމަ ބުރި ހާއްސަކޮށްފައި ވަނީ ޕާކިން އޭރިއާއެއްގެ ގޮތުގަ އެވެ. ދެން އޮފީސްތައް ހިންގާނީ ދެ ވަނަ ބުރިން ފެށިގެން ފެށިގެން ފަސް ބުރިއާ ހަމައަށެވެ. އިމާރާތުގެ އެންމެ މަތި ހާއްސަކޮށްފައި ވަނީ ކުދި މީޓިން ރޫމްތަކާއ، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.
ހުޅުމާލޭގައި އާ އޮފީސް އިމާރާތަށް ބަދަލުކުރަން ހަމަޖެހިފައިވާ އޮފީސްތަކުގެ ތެރޭގައި ޖެންޑަ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެމެރިކަން އެމްބަސީ ހިމެނެ އެވެ.
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް މިހާރު ހިންގަނީ މާލޭގެ ވެލާނާ ބިލްޑިންގުގަ އެވެ. ކުރިން މާލޭގައި ސަރުކާރުގެ އޮފިސްތައް ހިންގި އިމާރާތްތަކުގެ ތެރޭގައި ހުރަވީ ބިލްޑިން ހިމެނެ އެވެ.