ރައީސް މުހައްމަދު ނަޝީދުގެ ބޭނުމަށް މީގެ ކުރިން އެމްޑީޕީން 20،000 މެމްބަރުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީމީ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޓިކެޓް ހޯއްދަވަން ނަޝީދު މިހާރު ޕާޓީގެ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، އެމްޑީޕީ މެމްބަރުންގެ ދަފުތަރާ މެދު ސުވާލު އުފައްދައި، ޕާޓީން އެ އާއިލާގެ ބައެއް ބޭފުޅުން ވެސް ވަކިކޮށްފައިވާ ކަމަށް ވިދާޅުވެފައިވާތީ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޔަވަޅު އަޅާ ކޮމެޓީގައި މައްސަލަ އުފައްދައިގެން ނަޝީދު ބޭނުންވެގެން ފާއިތުވި 15 އަހަރުގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރި އެތައް ބަޔަކު ގަސްތުގަ ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ.
"އަދި އެފަދަ މީހުންގެ އާއިލާތައް ޕާޓީ ދޫކޮށް ދިއުމުން ޖުމްލަ ވިހިހާސް މީހުން ނަޝީދުގެ ބޭނުމަށް އެމްޑީޕީން ވަކި ކުރި." ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މޫސަ ވިދާޅުވި އެވެ.
ފިޔަވަޅުއަޅާކޮމެޓީގަ މައްސަލަ އުފައްދައގެނ ނަޝީދު ބޭނުންވެގެންފާއިތުވި 15އަހަރުތެރޭ MDP ގެއިސްސަފުގާމަސައްކަތްކުރި އެތަށްބަޔަކު ގަސްތުގަ ޕާޓީންވަކިކުރި، އަދި އެފަދަ މީހުނގެޢާއިލާލާތަށް ޕާޓީ ދޫކޮށްދިއުމުން ޖަުމްލަ 20ހާސް މީހުން ނަޝީދުގެބޭނުމަށް MDP އިންވަކިކުރި
— Moosa Maniku (Reeko) (@ReekoMoosa) January 2, 2023
އެމްޑީޕީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ ދަފުތަރުން 40،000 އާ ގާތްކުރާ އަދަދަކަށް މެމްބަރުން މަދުވެފައިވެ އެވެ. އަދި ޕާޓީގެ ދަފުތަރުގައި މިހާރު އަނބިކަނބަލުން ލައިލާ އަލީ އާއި ބޭބޭފުޅު ޑރ. އަހުމަދު ނާޝިދުގެ ނަން ވެސް ނެތް ކަމަށް ރޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި ގޮތުގައި ދަފުތަރުން ވަކިކުރި 39،000 މެމްބަރުންނަކީ ޕްރައިމަރީގައި ރައީސަށް ވޯޓު ނުދޭނެ ކަމަށް ބަލައިގެން ވަކިކުރި މެމްބަރުން ކަމަށެވެ. އެހެންވެ އެ މެމްބަރުންނާ ގުޅިފައިވާ އިތުރު މީހުންނާ އެކީ އެމްޑީޕީއަށް 70،000 ވޯޓު ގެއްލިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިމަތިލީ އެ 70،000 އާއި މިހާރު ތިބި 56،000 އާއި އިތުރު ތާއީދާ އެކީގައި މޮޅުވާން." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފުތަރާ މެދު ނަޝީދު ސުވާލު އުފެއްދިޔަސް އެ ޕާޓިން އެކަން ދޮގުކުރެ އެވެ. އަދި މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީ ޖުމްލަ 57،712 މެމްބަރުންނަށް ވޯޓް ލެވޭނެ ކަމަށް ބުނެ އެވެ.