Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ކުރީގެ ހާލަތަށް އިގުތިސާދު ރުޖޫއަ ކުރެވިއްޖެ

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ކުރިން އޮތް ހާލަތަށް ރުޖޫއަ ކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އައިއެމްއެފް ގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށެވެ.

"މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަ ކުރެވިފައިކަމަށެވެ. އަދި 2022 ވަނައަހަރަށް އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށާއި، މި ހިނގާ 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޤްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވަން ނޫން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހް އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށް ވިދާޅުވިއެވެ.

"ކައިރި ޤައުމުތަކުން އަޅުގަނޑުމެންނަށް, ފެނިގެންދާ ހަޤީޤަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިޤްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް"ވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހެނީ ވަރަށް ހިތިކޮށްކަން." އަމީރު ވިދާޅުވިއެވެ.

ދުނިޔޭގެ އިގުތިސާދު މި އަހަރު ދަށަށް ދާނެކަމަށް ލަފާކޮށްފައިވާއިރު ރާއްޖެއިންވެސް ވަނީ އެހާލަތަށް ވިސްނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޓެކްސް ބޮޑު ކޮށްފައިވާއިރު ބައެކަހަލަ ކަންކަމަށް ކުރެވޭ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.