ފިލްމު "ދުންކީ" އަށް ކަނޑު އަޑީގެ މަންޒަރެއް ނަގަން ޝާހްރުކް ޚާން މިހާރު ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމުގެ ވާހަކަ އަށް ވަރަށް ހާއްސަ މަންޒަރެއްގެ ގޮތުގައި ހިމެނޭ ކަނޑު އަޑީގެ މަންޒަރު ޝޫޓްކުރާނީ މި މަހުގެ 25 ގައި ޝާހްރުކްގެ "ޕަތާން" ރިލީޒްވުމަށް ފަހު އެވެ. އޭނަ މި ވަގުތު އުޅެނީ އެ ފިލްމުގެ ޕްރޮމޯޝަންތަކުގައި ވަރަށް ބިޒީކޮށެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކަނޑު އަޑީގެ މަންޒަރު ޝޫޓްކުރުމުގެ ކުރިން ފީނުމުގެ ތަމްރީނުތަކެއް ކަމުގެ ތަޖުރިބާކާރުންގެ ޓީމަކާ އެކީ ޝާހްރުކް ހަދާނެ އެވެ. އެ މަންޒަކީ ފިލްމުގައި ބޭރުގެ ލޮކޭޝަނެއްގައި ކަނޑުމަތީގެ ބޯޓެއްގައި ހިނގާ ހާދިސާއެއް ދައްކުވައިދޭ މަންޒަރެއް ނަމަވެސް އެ ޝޫޓްކުރަން ހަމަޖެހިފައި މުމްބާއީގައި ހަދާފައިވާ ހާއްސަ ސެޓެއްގަ އެވެ.

މިދިޔަ އަހަރު ޝޫޓިން ފެށި "ދުންކީ" ގެ ޝޫޓިން ޝެޑިއުލެއް މިދިޔަ މަހު ސައުދީ އަރަބިއްޔާގައި ވެސް ނިންމާފައިވެ އެވެ. މީގެ މަންޒަރުތަކެއް އިންޑިއާގެ އިތުރުން ޔޫރަޕާއި އެމެރިކާގެ ބައެއް ހިސާބުތަކުގައި ޝޫޓްކޮށްފައިވެ އެވެ.
ހިޖުރަކުރުމާ ގުޅޭ ގޮތުން ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ދުންކީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ފިލްމުގެ ބަތަލާ އަކީ ތާޕްސީ ޕައްނޫ އެވެ.
"ދުންކީ" ގެ ޑައިރެކްޓަރު ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ސަންޖޫ" އެވެ. އޭނަ އަކީ "މުންނާބާއީ" އާއި "3 އިޑިއަޓްސް" އަދި "ޕީކޭ" ގެ ވެސް ޑައިރެކްޓަރެވެ.