Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ޕްރައިމަރީއާ ގުޅޭ ހަތަރު މައްސަލައެއް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑިޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ހަތަރު ސީރިއަސް މައްސަލައެއް ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމްގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ ޕްރައިމަރީއާ ގުޅޭ މައިގަނޑު ހަތަރު ސީރިއަސް މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ މައްސަލައެއްގެ ގޮތުން ފާހަގަކޮށްފައިވަނީ، އެމްޑީޕީ މެންބަރުންގެ ތެރެއިން 39،398 މެންބަރުން ޕާޓީގެ ދަފުތަރުން އުނިކޮށްފައިވާ މައްސަލައެވެ. ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވަނީ އެކަމަކީ ރައިސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓު ލުމުގެ ހައްޤު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެއް ކަމަށެވެ. އަދި އެކަން ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވެއެވެ.

"މާފަހުން އެކުލަވާ ޝަރުތުތަކެއް، މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަރ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުންވެސް، އަދި ޤާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވާ ހިނދު، ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަރޝިޕް އިޔާދަކޮށް، އެ މެންބަރުންގެ ސިޔާސީ-މަދަނީ ހައްޤުތައް ހިމާޔަތްވާނެ މަގުން، އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް މި ކެންޕެއިނުން ޕާޓީގެ ޗެއަރޕާސަނާއި، އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލަމެވެ." ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވެއެވެ.

ދެވަނަ މައްސަލައެއްގެ ގޮތުން ފާހަގަކޮށްފައިވަނީ އިންތިހާބުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމަށް އިންތިހާބުކުރާ ކޮމިޓީ އިންތިހާބު ކުރުމުގެ ކުރިން، އެ ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކޮންމެވެސް އެހެން ފަރާތަކުން ކޮށް، ޕާޓީއިން އެކަންކަން އިއުލާނުކޮށް ކުރިއަށް ގެންދިޔަ މައްސަލައެވެ. އަދި އެކަމަކީ އަސާސީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، ރިޔާސީ ޕްރައިމަރީ އިއުލާނު ކުރުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޕޭނަށް ތާއީދު ފޯމު ލިބިފައިވާ މައްސަލައެއްވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން 18 ޑިސެމްބަރު ގައި ޕްރައިމަރީއަށް އިއުލާނުކުރިއިރު 5 ޑިސެމްބަރުން ފެށިގެން ރައީސް ސޯލިހަށް ތާއީދު ފޯމުފުރާކަމުގެ ސޯޝަލް މީޑިއާ ޕޯސްޓް ފޮޓޯއާއެކު އާންމުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމުން ޕްރައިމަރީގެ އިންސާފުވެރިކަން ގެއްލިފައިވާ މިންވަރު ހާމަވާކަމަށް ބުނެފައިވެއެވެ.

ހަތަރު ވަނަ މައްސަލައެއްގެ ގޮތުން ފާހަގަކޮށްފައިވަނީ ޕްރައިމަރިއަށް ހުޅުވާލި ތާރީހު ކަމަށްވާ 18 ޑިސެމްބަރު 2022 އާ ހަމައަށް އިލެކްޝަންސްގެ ދަފުތަރުގައި ނުހިމެނޭ 457 މީހަކު އެމްޑިޕީގެ ދަފުތަރުގައި ހިމަނާފައިވާ މައްސަލައެކެވެ. އަދި އެކަން ކޮށްފައިވަނީ ރައީސް ނަޝީދުގެ ވާދަވެރި ކެނޑިޑޭޓަށް ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވަނީ މިމައްސަލަތައް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ޕޯޓަލް މެދުވެރިކޮށް އަދި ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދު އަންނަވަނީ ކެމްޕޭން ބާރަށް ކުރިއަށް ގެންދަމުންނެވެ. އަދި އެ މަނިކުފާނު ދައްކަވާ ވާހަކަތަކަށް ރައީސް ސޯލިހްގެ ކެމްޕޭންގައި އަންނަނީ ރައްދުވެސް ދެއްވަމުންނެވެ.