އަންނަ މަހު އައްޑު އަށް ފަށަން ހަމަަޖެހިފައިވާ ފްލައި ދުބާއީގެ ދަތުރުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހުވަދު އަތޮޅުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލްސް އިން ބުނީ މި މަހުގެ 11 ވަނަ ދުވަހު ގއ. ވިލިގިލީގައި އަދި 12 ވަނަ ދުވަހު މާމެންދޫ ސެޝަނެއް ކުރިއަށް ގެންދާނެ ކަމަވެ. މި ސެޝަންތަކުގައި ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ އިސް ވެރިންނާއި އޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވެސް ބައިވެރިވަޑައިގަންނަނަވާނެ އެވެ.
ފްލައި ދުބާއީގެ ސީދާ ޝެޑިއުލް ދަތުރުތަމަށް ގަމަށް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 އިން ފެށިގެންނެވެ. އެގޮތުން ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަތުރެއް ބާއްވަން ހަމަޖެހިފައިވެ އެވެ. މި ދަތުރުތައް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން މިދިޔަ މަހު ވަނީ އައްޑު އާއި ފުވައްމުލަކުގައި ވެސް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފަ އެވެ.
މީގެ ބޭނުމަކީ ފްލައި ދުބާއީގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނަށް ފެށުމުން އެކި ގޮތްގޮތުން ފަހިވާނެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތި ދިނުމެވެ. ހާއްސަކޮށް ވިޔަފާވެރިންނަށް މިކަމުން ފަހިވާނެ ކަންކަން ހިއްސާކުރުމެވެ.
ފްލައި ދުބާއީގެ ދަތުރުތައް ފަށާ އިރު، އެ އެއާލައިނުން އަންނަ ޓޫރިސްޓުންނަށް އެންމެ ދެކުނުގެ ރިސޯޓްތަކާއި ޓޫރިސްޓް އެހެން ފެސިލިޓީތަކަށް ފަސޭހައިން ދެވޭނެ ކަނެކްޓިވިޓީ މޯލްޑިވިން ފޯރުކޮށް ދޭނެ އެވެ. އެގޮތުން ގަމާއި ކޫއްޑޫ ކަނެކްޓިވިޓީއާ އެކު ދަތުރު ފަތުރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެވެ.
ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލްސް އަކީ ގަމަށް ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ވެސް އިންތިޒާމުކުރާ ކުންފުންޏެވެ.