Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

އާ އަހަރުގެ ފުރަތަމަ މެޗުން ލިވަޕޫލް ބަލިވެއްޖެ

ލިވަޕޫލުން މި އަހަރު ކުޅުނު ފުރަތަމަ މެޗުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 3-1 އިން ބަލިވެއްޖެ އެވެ.

މި މޮޅާއެކު ބްރެންޓްފޯޑް އޮތީ 18 މެޗުން ލިބުނު 26 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. ލިވަޕޫލް އޮތީ 17 މެޗުން ލިބުނު 28 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ. މިއީ 1938 ވަނަ އަހަރަށް ފަހު ލިވަޕޫލްގެ މައްޗަށް ބްރެންޓްފޯޑުން ހޯދި ފުރަތަމަ މޮޅެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލް ކާމިޔާބުކުރީ ބްރެންޓްފޯޑުން ކަމަށްވާއިރު މި ގޯލަކީ މެޗުގެ 19 ވަނަ މިނެޓްގައި ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔޯން ވިސާ ވަނީ ބްރެންޓްފޯޑުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ވިސާ މި ގޯލް ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް މުޅިން ހުހަށް ހުރެ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބްރެންޓްފޯޑުން ނިންމާލިއިރު މެޗުގެ 50 ވަނަ މިނެޓްގައި އެލެކްސް އޮކްސްލޭޑް ޗެމްބަލޭން ވަނީ ލިވަޕޫލަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މި ގޯލަށްފަހު ނަތީޖާ އެއްވަރު ކުރަން ލިވަޕޫލުން ކުރިއަށް ޖެހިލައިގެން މަސައްކަތް ކުރި ނަމަވެސް މާ ބޮޑު ނުރައްކަލެއް ބްރެންޓްފޯޑްގެ ގޯލަށް ކުރެވިފައެއް ނުވެ އެވެ.

މި މެޗުން ބްރެންޓްފޯޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއޭމޯ އެވެ. ބްރެންޓްފޯޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އޭނާ މި ގޯލް ކާމިޔާބުކުރީ ލިވަޕޫލްގެ ކޮނާޓޭ ކައިރިން ބޯޅަ ހޯދުމަށްފަހު ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ. ބްރެންޓްފޯޑް ނިކުންނާނީ ބޯންމަތްއާ އެވެ.