Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ޕެލޭގެ ނަމުން ސްޓޭޑިއަމްތަކަށް ނަން ދޭން އެދެނީ

ކޮންމެ ގައުމެއްގައި ވެސް އެއް ސްޓޭޑިއަމަށް ދާދިފަހުން މަރުވި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް، ޕެލޭގެ ނަމުން ނަން ދޭން ގައުމުތަކުގައި އެދޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ޕެލޭ ،82، މަރުވީ މިދިޔަ ހަފްތާގައި ބްރެޒިލްގެ ވެރިރަށް ސައޮޕާލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލަށެވެ. ޕެލޭގެ ޖަނާޒާ މިއަދު އޮންނާނެ އެވެ.

ޕެލޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު ބްރެޒިލްގައި ހުންނެވި އިންފަންޓީނޯ ނޫސްވެރިންނާ ވާހަކަދައްކަމުން ވިދާޅުވީ ފީފާގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ހިމެނޭ ގައުމުތަކުގެ ކޮންމެވެސް އެއް ސްޓޭޑިއަމަކަށް ޕެލޭގެ ނަމުން ނަން ދޭން އެދޭނެ ކަމަށެވެ. އަދި ފީފާ އިން ޕެލޭގެ ހަނދާން އާކުރާނެ ކަމަށާއި އެގޮތުން މެޗުތައް ފެށުމުގެ ކުރިން ޕެލޭގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެންނަން އެދޭ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވި އެވެ.

ޕެލޭ މަރުވިއިރު މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން ހަޖަމްކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ 29 އިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޕެލޭ އަށް ދިޔައީ ފަރުވާ ދެމުންނެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.

ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.