ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެން އެގައުމަށް ގޮސްފި އެވެ.
ރޮނާލްޑޯ އާއި އޭނާގެ އާއިލާ ރޭގެ ވަގުތެއްގައި ސައުދީ އަށް ދިޔުމުން އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ އަލް ނަސްރުގެ އިސްވެރިންނެވެ. އަސް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލުމަށް މިއަދު ބޮޑު އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ޗެރިޓީ އަކަށް ހަދިޔާކުރަން ވަނީ ނިންމާފަ އެވެ.
After conquering Europe 👑
The iconic star is on a new mission to conquer ASIA! 🌏#HalaRonaldo 💛 pic.twitter.com/HU84lyhf22— AlNassr FC (@AlNassrFC_EN) January 2, 2023
ރޮނާލްޑޯ ،37، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކްލަބުން އޭނާ އަށް ސީޒަނެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 200 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ.
ސައުދީގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރު އެންމެ ފަހުން ތަށި އުފުލާލީ 2019 ވަނަ އަހަރު އެވެ.
މިއީ ޔޫރަޕް ނޫން ގައުމެއްގެ ކްލަބަކަށް ރޮނާލްޑޯ ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ކުރިން ޔޫރަޕްގެ ހަަތަރު ގައުމުގައި ކުޅެފަ އެވެ. އެއީ ޕޯޗުގަލް، އިންގްލެންޑް، ސްޕެއިން އަދި އިޓަލީގަ އެވެ.
ރޮނާލްޑޯ އެންމެފަހުން ކުޅުނީ މެންޗެސްޓާ ޔުނައިޓެޑަށް ކަމަށްވާއިރު އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ ވަނީ މިދިޔަ މަހު އުވާލާފަ އެވެ.