Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ހިކުމުގެ ސިއްރަކީ ބައްޕަ: އަދުނާން ސާމީ

ކުރިން ވަރަށް ބަރުހެލިކޮށް ހުރި ނަމަވެސް މިހާރު ވަރަށް ފިޓްކޮށް ހުރި ލަވަކިޔުންތެރިޔާ އަދުނާން ސާމީ ހިކެން އެއްވެސް ކަހަލަ ސާޖަރީއެއް އަދި އެ ނޫން ވެސް އެފަދަ އެއްވެސް ޕްރޮސީޖާއެއް ބޭނުން ނުކުރާ ކަމަށް ބުނެފި އެވެ.

ޕާކިސްތާނަށް ނިސްބަތްބާ އެކަމަކު މިހާރު އިންޑިއާގެ ރަށްވެހިކަމާ އެކީ އެ ގައުމުގައި ދިރިއުޅެމުން އަންނަ 51 އަހަރުގެ ލަވަކިޔުންޔެރިޔާ "މެޝަބަލް އިންޑިއާ" އަށް ދިން އިންޓައިއުއެއްގައި ބުނީ ހިކުމުގެ މައިގަނޑު ސިއްރަކީ ބައްޕަ ކަމަށެވެ. އަދުނާނު ކިޔައިދިން ގޮތުގައި އެއް ފަހަރަކު ލަންޑަނުގައި ޑޮކްޓަރަށް ދެއްކުމުން އޭރު ހުރި ހާލަތަށް ބަލާފައި ޑޮކްޓަރު ވިދާޅުވީ އޭނަގެ ލައިފްސްޓައިލް ހުރި ގޮތުން ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި މަރުވެދާނެކަމުގެ ބިރު އޮތް ކަމަށެވެ.

"އެ ވާހަކަތައް އަހަރެން ގާތު ޑޮކްޓަރު ވިދާޅުވި އިރު، ގާތުގައި ވަރަށް ފަރުވާތެރިކަމާ އެކީ އަޑު އަހަން ބައްޕަ އިން،" ރީތި އެތައް ލަވައެއް ކިޔާފައިވާ ފަންނާނު ބުންޏެވެ. "އެ ދުވަހު ބައްޕަ ވަރަށް ދެރަވެފައި އަހަރެން ގާތު ބުނި ބޭނުމެއް ނޫނޭ އަހަރެން އެ ހާލަތުގައި މަރުވެގެން ދާތަން ދެކޭކަށް. ބޭމުނެއް ނޫނޭ ބައްޕަގެ ކުރިމަތީގައި އަހަރެން މަރުވެ، އެ ދެއަތުން އަހަރެން ވަޅުލާ މަންޒަރު ދެކެން ހުންނާކަށް. އެއަށް ވުރެ މާ ރަނގަޅޭ ތިމަންމަ ދުނިޔެއިން ވަކިވެއްޖިއްޔާ."

އަދުނާން ބުނި ގޮތުގައި ބައްޕަގެ އެ ވާހަތަކާ އެކީ ލިބުނީ ހިކެން ހިތްވަރެކެވެ. އެހެންވެ ވަރަށް ސީރިއަސްކޮށް ހިކެން މަސައްކަތް ފެށުނު ކަމަށް ބުންޏެވެ. އެގޮތުން އެމެރިކާގެ ޓެކްސަސް އަށް ގޮސް އެތަނުގެ ތަޖުރިބާކާރު ޑައިޓީޝަނެއްގެ އިރުޝާދުގެ ދަށުން ލައިފްސްޓައިލަށް ވަރަށް ބޮޑު ބަދަލެއް ގެނައި ކަމަށް ބުންޏެވެ. އަދި މިއަދާ ހަމައަށް ވެސް ހުރީ އެކަމުގެ މަތީގައި ކަމަށް ބުންޏެވެ.

"އަހަރެން އެހާ ފަލަކޮށް ހުރި މީހަކު އެހާ ބޮޑަށް ހިކުނީމަ ވަރަށް ގިނަ މީހުން އަހާ ކިހިނެއް ހެއްޔޭ ތިކަން ކުރީ؟ ދެން ވަރަށް ގިނަ ގަބޫލުރަނީ އަހަރެން ލިޕޯސަކްޝަން ކަހަލަ ސާޖަރީއެއް ހަދައިގެންނޭ ހިކުނީއޭ،" އަދުނާން ބުންޏެވެ. "އެއްގޮތަކަށް ވެސް އެހެނެއް ނޫން. އެފަދަ އެއްވެސް ޕްރޮސީޖާއެއް ދުވަހަކު ވެސް ނަހަދަން."

އޭނަ ބުނި ގޮތުގައި ހިކެން މަސައްކަތްކުރި އިރު ބަރުދަނުގައި 230 ކިލޯ ހުއްޓެވެ. އަދި ހިކެން ފެށި މަސައްކަތްތަކާ އެކީ 130 ކިލޯ ބަރުދަނުން ލުއިކުރި ކަމަށް ބުންޏެވެ. އަދި މި ބަދަލު އަދުނާނު ސިފަކުރީ އަޒުމެއް އޮވެގެން އެކަން ހާސިލުކުރަން ކުރަން ހިތްވަރުގެ ނަތީޖާއެއްގެ ގޮތުގަ އެވެ.

"އަހަރެންގެ ހަށިގަނޑަށް ގެނެވުނި ބަދަލުން ޔަގީންވި ކަމަކީ ކަމެއް ހާސިލުކުރަން ހިތްވަރާ އެކީ މަސައްކަތްކޮށްފި ނަމަ އެކަމެއް ކާމިޔާބުވާނެކަން." މިދިޔަ އަހަރު އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ކުޅަދާނަ ލަވަކިޔުންތެރިޔާ ބުންޏެވެ.

އަދުނާން ހިކެން ކުރި މަސައްކަތަކީ އޭނަގެ ގާތް މީހުންނަށް ވެސް މިހާރު ވަރަށް އިންސްޕިރޭޝަނެކެވެ. އަދި އަމިއްލަ ދިރިއުޅުމަށް ގެނެވުނު ބަދަލާ މެދު ވަރަށް އުފާކުރާ ކަމަށް ބުންޏެވެ.